މި އަހަރު ބޭއްވި "އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑް"ގެ އެންމެ މޮޅު ފިލްމްގެ ޝަރަފާއެކު ފިލްމް "އިނގިލި" އަލުން އޮލިމްޕަހުގައި އެޅުވުމަށް ނިންމައިފި އެވެ.

"އިނގިލި" ޑައިރެކްޓްކޮށްފައިވާ ރަވީ ފާރޫގު ސަން އާ ވާހަކަ ދައްކަމުން މިއަދު ބުނީ އޮލިޕަސް ލިބުނުހާ އަހަކަށް އެ ފިލްމް އެޅުވުމަށް ނިންމާފާއިވާ ކަމަށެވެ. ފިލްމް އަލުން އެޅުވި ނަމަވެސް ފިލްމް އަގަށް ބަދަލު ނާންނާނެ ކަމަށާއި ފިލްމްގެ ޓިކެޓް ވިއްކާނީ 80 ރުފިޔާ އަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފިލްމް ފުރަތަމަ ދައްކާފައި ވަނީ 11 ޝޯ އެވެ. އޭރު ފިލްމަށް މާ ބޮޑު ތަރުހީބެއް ލިބިފައިނުވި ނަމަވެސް ފިލްމަށް ލިބުނު އެވޯޑްތަކަށް ފަހު ފިލްމް ބަލާލުމަށް ގިނަ ބަޔަކު ވަންނާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.

މި އަހަރުގެ ފިލްމް އެވޯޑުގައި "އިނގިލި" ވަނީ 14 ދާއިރާއަކުން ނޮމިނޭޓްވެފަ އެވެ. އަދި އެންމެ މޮޅު ފިލްމް އެވޯޑާ އެކު ޖުމްލަ 11 އެވޯޑް ވަނީ އުފުލާލާފަ އެވެ.

އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑް އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) "އިނގިލިން" ހިއްލާލިއިރު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހިފައިގެން ނިކުތީ ރަވީ ފާރޫގް ހަމަ މި ފިލްމުންނެވެ. ފީޗާ ފިލްމް ބައިން އެންމެ މޮޅު ސައުންޑް މިކްސިން އެވޯޑް ޒުވާން ފަންނާނު މުހައްމަދު އިކްރާމް އިނގިލިން ގެންދިޔައިރު އެ ފިލްމުން އެންމެ މޮޅު ސައުންޑް އެޑިޑިން އެވޯޑާއި އެންމެ މޮޅު ސްކޯ އެވޯޑް ވެސް އިކްރާމް ވަނީ ހިއްލާލައިފަ އެވެ. އެންމެ މޮޅު އާޓް ޑައިރެކްޝަންގެ ބައިންންވެސް އެ ފިލް ވަނީ އެވޯޑް ގެންގޮސްފަ އެވެ. އިނގިލިން އެންމެ މޮޅު ސިނެމެޓޯގްރެފީ އެވޯޑް ހުސެއިން މުނައްވަރު ހިއްލާލިއިރު އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް މަހުދީ އަހުމަދު ނެގީވެސް ހަމަ އިނގިލިންނެވެ. އެންމެ މޮޅު ފިރިހެން އާ ތަރީގެ އެ ވޯޑް އަލީ ސޮފީހު ސާމިރު ގެންދިޔައިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެ ވޯޑް އަބްދުﷲ މުއާޒް ގެއަށް ގެންދިޔައީ ވެސް އިނގިލިންނެވެ.