06 May 2014, 09:09
ވޮޝިންޓަން (މޭ 6) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު އިއްތިޙާދުން އެމެރިކާގައި ގާއިމްކޮށްފައިވާ އޮފީހަށް ޑިޕްލޮމެޓިކް މިޝަން އެއްގެ ދަރަޖަ ދިނުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.
އެމެރިކާ ސަރުކާރުން ބުނީ ވޮޝިންޓަންގައި ހުންނަ ސޫރިޔާގެ އިދިކޮޅު ފަރާތްތައް ތަމްޘީލްކުރާ އޮފީހަށް ބޭރުގެ ޑިޕްލޮމެޓިކް މިޝަން އެއްގެ ދަރަޖަ ދިނުމަށް ނިންމީ ޑިޕްލޮމެޓިކް ކަންތައްތައް އިންތިޒާމްކުރާ އެމެރިކާގެ ގާނޫނުގެ ދަށުންކަމަށާއި ނަމަވެސް އެ ގާނޫނުގެ ދަށުން އެއޮފީހަށް އެމްބަސީއެއްގެ ދަރަޖަ ދެވޭނެ ގޮތެއް ނެތް ކަމުގަ އެވެ. ވޮޝިންޓަންގައި ހުންނަ ސޫރިޔާގެ އިދިކޮޅު ފަރާތްތައް ތަމްޘީލްކުރާ އޮފީހަށް ޑިޕްލޮމެޓިކް މިޝަން އެއްގެ ހައިސިއްޔަތު ދިނުމަކީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ވަރަށް ކުރީއްސުރެ އެމެރިކާ ސަރުކާރުގެ ކިބައިން ގެންދިޔަ ކަމެކެވެ. މިކަން ހާސިލްވުމުން ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ހިއްވަރެއް ލިބިގެން ހިނގައްޖެ ކަމަށް ސޫރިޔާގެ އިދިކޮޅު އިއްތިޙާދުން ވަނީ ބުނެފަ އެވެ.
އަނެއްކޮޅުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ފްރީސީރިޔަން އާމީ ޖަމާއަތަށް ބޭނުންވާ ލޮޖިސްޓިކް އެހީތައް ދިނުމަށް 27 މިލިޔަން އެމެރިކާ ޑޮލަރުގެ އެކަށައަޅައި ދިނުމަށް ކޮންގްރެސްގެ ކިބައިން އެދިފަ އެވެ. އެމެރިކާގެ މިއެހީތަކުގެ އެއްވެސް ބައެއް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްގާއިދާ އަށް ނިސްބަތްވާ ހަރުކަށި ޖަމާއަތްތަކުގެ އަތްދަށަށް ދޭތޯ ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށް އެމެރިކާގެ ޚާރިޖިއްޔާ އިން ބުނެ އެވެ. (އަލްޖަޒީރާ)