ކިޔެވް (މޭ 6) ޔުކްރޭންގެ އިރުމަތީގެ ރަށެއް ކަމަށްވާ ސޮލޮވިޔަންސިކްގައި ޔުކްރޭން ސިފައިންނާއި ވަކިވެގަތުމަށް މަސައްކަތްކުރާ ޔުކްރޭންގެ އިދިކޮޅު ޖަމާއަތްތަކާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ކަން ޔުކްރޭންގެ ސަރުކާރުން ކަށަވަރުކޮށްދީފި އެވެ.

ޔުކްރޭންގެ ދާޚިލީ ވުޒާރާ ބުނާ ގޮތުން އިއްޔެ އިން ފެށިގެން ކުރިޔަށްދާ މިހަނގުރާމައިގާ ދެފަރާތުން ވެސް އެތައް ބަޔަކު މަރުވެ އިތުރުބަޔަކު ވަނީ ޒަޚަމްވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސޮލޮވިޔަންސިކްގައި ހިނގަމުންދާ ހަނގުރާމައިގާ ޔުކްރޭން ސިފައިން ގެންދަނީ ބަރުހަތިޔާރު ބޭނުންކޮށްގެން އިދިކޮޅު ހަނގުރާމަވެރިންނަށް ވަރުގަދަ ޙަމަލާތަކެއްދީ އެމީހުން ފަހަތަށް ޖައްސަމުންނެވެ. ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާއަތްތަކަކީ ރަޝިޔާ އަށް ތާއީދުކުރާ ޖަމާއަތްތަކެއް ކަމަށް ޔުކްރޭން ސަރުކާރުން ތުހުމަތުކުރާ އިރު ރަޝިޔާގެ މީޑިޔާ އިން ގެންދަނީ ޔުކްރޭންގެ މިހާރުގެ ވެރިންނަކީ ބަޣާވާތަކުން ޔުކްރޭންގެ ވެރިކަމަށް އައިސްތިބި ހުޅަނގުގެ އެޖެންޓުންތަކެއް ކަމަށް ސިފަކުރަމުންނެވެ.

ޔުކްރޭނުން ލިބޭ ޚަބަރުތައްބުނާ ގޮތުން އެގައުމުގެ ސަރުކާރު ސިފައިން ވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ބޭނުންކުރާ ހައިވޭ އެއް ހިފައި އެމީހުންގެ އަތްދަށުގައިވާ ސްލޮވިޔަންސިކްގެ ޓީވީ ސްޓޭޝަނެއްވެސް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަލުން ގެނަސްފަ އެވެ. ނަމަވެސް ސްލޮވިޔަންސިކްގެ ބޮޑުބައެއް އަދި ވެސް އޮތީ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި ކަމަށާ އެރަށަށުގެ ވައިގެ ސަރަހައްދަށް ވަންނަން މަސައްކަތްކުރި ޔުކްރޭން ސިފައިންގެ ހެލިކޮޕްޓަރެއް އިދިކޮޅު ހަނގުރާމަވެރިން އިއްޔެ ވައްޓާލާފައިވާ ކަމަށް ޚަބަރުލިބެ އެވެ.

ސްލޮވިޔަންސިކް ސިޓީ، ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްޓަކައި ޔުކްރޭން ސިފައިން ވަރުގަދަ ޙަމަލާތަކަކަށް ތައްޔާރުވަމުން ދާތީ އެރަށުގެ ޢާންމުންތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާ ޔުކްރޭން މިހާރު މިސްރާބު ޖަހާފައި ވަނީ ދާޚިލީ ހަނގުރާމައަކާ ދިމާއަށް ކަމަށް މުރާސިލުން ބުނެ އެވެ.(ނޫސްއެޖެންސީތައް)