ގާހިރާ (މޭ 6) : މިސްރުގެ ކުރީގެ ދިފާޢީ ވަޒީރު އަދި މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ރިޔާސީ ކެންޑިޑޭޓް މާޝަލް އަބްދުލްފައްތާޙް އައްސީސީ އަވަހާރަކޮށްލުމަށް ދެފަހަރެއްގެމަތިން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މިސްރުގެ ޓީވީ ނެޓްވާކްތަކަކަށް ދެއްވި ބަސްދީގަތުމެއްގައި ސީސީ ވިދާޅުވީ އޭނާ އަވަހާރަކޮށްލުމަށް ދެ ފަހަރެއްގެ މަތިން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ދެފަހަރު ވެސް އެކަން ނާކާމިޔާބުވެ އޭނާގެ ފުރާނަ ސަލާމަތް ވެފައިވާ ކަމުގަ އެވެ. ނަމަވެސް ދުޝްމަނުން އޭނާގެ ފުރާނަ އަށް ނުރައްކާކޮށްފާނެ ކަމުގެ ބިރަށް ގައުމީ ވާޖިބުތައް އަދާކުރުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ސީސީ ވިދާޅުވި އެވެ.

މާޝަލް ސީސީ އަކީ މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް މިދިޔަ އަހަރު ޖުލައިމަހު މިސްރު ސިފައިން ގެނައި ޢަސްކަރީ އިންގިލާބު ރާވައި ލީޑް ކުރުމުގައި އިސްކޮށް ހުންނެވި ލީޑަރެވެ. ސީސީ މިސްރު ސިފައިންގެ ކޮމާންޑަރުކަމުގެ މަގާމުންނާއި ދިފާޢީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައި ވަނީ މިދިޔަ މަހު އެވެ.

ސީސީ އަވަހާރަކޮށްލުމަށް އެއްވެސް ބަޔަކު މަސައްކަތްކޮށްފައިވާކަން މިސްރުގެ މީޑިޔާއިން ވެސް އަދި ޢަސްކަރީ އިންގިލާބަށް ފަހު މިސްރު ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައިވާ ވަގުތީ ސަރުކާރުން ވެސް ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް މިސްރުގެ ދާޚިލީ ވަޒީރު އަވަހާރަކޮށްލުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ބަޔަކު މަސައްކަތްކޮށްފައިވާ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފަ އެވެ. ސީސީ އަވަހާރަކޮށްލުމަށް ދެ ފަހަރެއްގެ މަތިން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށް އިއްޔެ އޭނާ ވިދާޅުވެފައިވާ އިރު އެކަމުގެ ފަހަތުގައިވާ ކަމަށް ޝައްކުކުރެވޭ ފަރާތަކާއި އެކަން ހިނގި ތާރީޚަކާއި ތަނެއް ވެސް އޭނާ ހާމަކުރައްވާފައެއްނުވެ އެވެ.

ސީސީ އިސްކޮށް ހުންނަވައިގެން މިދިޔަ އަހަރުގެ ޖުލައިމަހު މިސްރަށް ގެނައި ޢަސްކަރީ އިންގިލާބާ ދެކޮޅަށް މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރަމުންގެންދާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް ފާއިތުވި 10 ވަރަކަށް މަސްދުވަހުގެ ތެރޭގައި އޭގެތެރެއިން ތިން ހާހެއްހާ މީހުން މަރާލައި އެތަށް ހާސްބަޔަކު ޒަޚަމްކޮށްލާފައިވާ އިރު މިޖަރީމާތަކުގެ ފަހަތުގައި ހުންނެވި ކަމުގެ ތުހުމަތު ސީސީ ގެ މައްޗަށް ވަނީ ކުރެވިފަ އެވެ.

އަނެއްކޮޅުން މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީއާއި އޭނާ ނިސްބަތްވާ އިޚްވާން ޖަމާއަތަށް ނިސްބަތްވާ ސިޔާސީ ގިނަ ލީޑަރުން ހައްޔަރުކޮށް މިސްރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރްސަތުން އެބޭފުޅުން މަހްރޫމް ކޮށްފައިވަނީ ވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސީސީއަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށް އޭނާއާ އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. އެހެންކަމުން ސީސީ އަވަހާރަކޮށްލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެ އޭނާ ދައްކަވާފައިވާ ވާހަކަތަކަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޓަކައި މިސްރު ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދެވުމުގެ ގޮތުން ދެއްކެވި ވާހަކަ ތަކަކަށްވުން އެކަށީގެންވާ ކަމަށް މަސްރަހު ދިރާސާކުރާފަރާތްތަކުން ދެކެ އެވެ.

މިސްރުގެ ޢިލްމާނީ ފިކުރުގެ ޕާޓީތަކުންނާއި މީޑިޔާއިންނާއި ސިފައިންގެ މުއައްސަސާއިން ސީސީއަކީ ގައުމީ ބަތަލެއް ކަމަށް ސިފަކޮށް އޭނާގެ ކޭންޕޭނަށް އެހީތެރިވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މިސްރު ރައްޔިތުންގެ ގިނަބައެއްގެ ތާއީދު ސީސީއަށް މިހާރު އޮތް ކަމަށް ރިޕޯޓްތައްބުނެ އެވެ. އަދި މިސްރުގައި މިނިވަން މުސްތަގިއްލު އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ނެތިފައި ސީސީއާ ވާދަކުރައްވާ ކެންޑިޑޭޓް ހަމްދީން ސަބާހީ އަކީ ވާތުފިޔައިގެ ކުޑަ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅަކަށްވާތީ މިސްރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ސީސީ އަށްފަސޭހަވެގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ. (އަލްޖަޒީރާ)