06 May 2014, 08:22
ރައްޔިތުންގެ މަޖިލީހުގެ އިހަންވަދޫ ދާއިރާ އަށް އިންތިހާބުކޮށްފައިވާ، ފިލްމީ ތަރި މުހައްމަދު އަބްދުﷲ(މުހަންމާ ކަލޯ)ގެ ސައިކަލް ޗާންދަނީމަގު ގޮމަށިގޭ ކުރިމަތީގައި ޕާކުކޮށްފައި ހުއްޓައި ބަޔަކު ރޯކޮށްލައިފި އެވެ.
އެ ސައިލަލާ އެކު ތިން ސައިކަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 1:30 އެހާކަންހާ އިރު ހިނގި އެ ޙާދިސާގައި އަލިފާން ރޯވެ ދެ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައިކަމަށެވެ. އަދި އަނެއް ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ފުލުހުންނަށް ޢާއްމު ފަރާތަކުން އެ މަޢުލޫމާތު ދިނުމާއި ގުޅިގެން އެސަރަޙައްދަށް ގޮސް ފުލުހުންނާއި ޢާއްމުރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ރޭ 01:55 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެއީ ގަސްތުގައި ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެ ޙާދިސާގައި އެސަރަޙްއަދުގައި ހުރި ގެޔަކަށް ދުމުގެ އަސަރުކޮށް، ފިހާރައެއްގެ ނަންބޯޑަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.