05 May 2014, 23:50
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ އިން ހުރި ފުރުސަތުތައް ތަނަވަސްކޮށް ފުޅާކުރުމުގެ މަގުސަދުގައި ރާއްޖޭގައި އުފެއްދި ފުރަތަމަ ޓްރޭޑް ޔޫނިއަންގެ ހިންގާ ކޮމިޓީ އަށް މެންބަރުން އައްޔަންކޮށްފި އެވެ.
އެކަމަށްޓަކައި މިރޭ ނަސަންދުރަ ޕެލަސްގައި އޮތް ރަސްމިއްޔާތެއްގައި ކުދި އަދި މެދު ފަންތީގެ ގިނަ ވިޔަފާރިވެރިން ބައިވެރިވެފައިވާ އިރު އެ ޔޫނިއަންގެ ފަސް މަގާމަކަށް ވަނީ މެންބަރުން އައްޔަންކޮށްފަ އެވެ.
އެގޮތުން ރަސްމިއްޔާތުގައި ބައިވެރިވި މެންބަރުންގެ މެދުގައި ބޭއްވި އިންތިހާބަކުން ޔޫނިއަންގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ސެކެޓްރީ ޖެނެރަލް ހޮވާފައިވާ އިރު ހަޒާންދާރަކާއި ޔޫނިއަންގެ ކައުންސިލްގެ ހަތަރު މަގާމަކަށް ހަތަރު މެންބަރުން ވެސް އިންތިހާބުކޮށްފައިވެ އެވެ.
މިދިޔަ ޑިސެމްބަރުގައި ރަޖިސްޓްރީކޮށް މިހާރު ވުޖޫދަށް އައިސްފައިވާ ޓްރޭޑް ޔޫނިއަންގެ މަގްސަދަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިއާއި ރާއްޖޭގެ އިގްތިސާދު ފުޅާކުރުންކަމަށާއި އެ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ހޯދައިދިނުން ކަމަށް އެ ޔޫނިއަން އިން ބުނެ އެވެ.
ގާނޫނު އަސާސީގައިވާ ގޮތަށް ރާއްޖޭގެ ތަބީއީ މުއްސަނދިކަން ހޯދާނެ ގޮތްތައް ހޯދައިދިނުމާއި ކޮންމެ ދިވެހި ރައްޔިތަކީ އުފެއްދުންތެރި އަދި އިގްތިސާދުގެ ކޮންމެވެސް ރޯލެއް އަދާކުރާ މީހަކަށް ހެދުމަކީ މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އެ ޔޫނިއަން އިން ބުނެ އެވެ.
ޓްރޭޑް ޔޫނިއަންގެ އަމާޒަކީ އެ ޔޫނިއަންގެ ގޮތްޕެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ގާއިމު ކުރުން ކަމަށާއި އެ ޔޫނިއަންއިން ރާއްޖޭން ބޭރުގައި ވެސް މަސައްކަތް ކުރާނެ ކަމަށް އެ ޔޫނިއަން އިން ބުންޏެވެ.