05 May 2014, 22:56
ހއ. އަތޮޅު ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް މިއަދު ބޭފުޅަކު ހޮއްވައިފި އެވެ.
ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ދިއްދޫ ދާއިރާގެ ކައުންސިލަރު މޫސާ ލަތީފު އިސްތިއުފާދެއްވާފައި ވަނީ މިއަދު އެވެ. އޭނާ އަކީ ޕީޕީއެމްގެ ޓިކެޓުގައި އިންތިޚާބުވި ކައުންސިލަރެކެވެ.
އޭނާ އިސްތިއުފާ ދެއްވުމުން މިއަދު ހަވީރު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ވަނީ އިހަވަންދޫ ދާއިރާގެ ކައުންސިލަރު މުހައްމަދު ރަޝީދު ރައީސް ކަމަށް އައްޔަން ކުރެއްވުމަށް ފާސްކޮށްފަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި އިހަވަންދޫ ދާއިރާ އަށް އިންތިޚާބުކުރި މުހައްމަދު ރަޝީދު ރައީސް ކަމަށް ހޮއްވަވާފައި ވަނީ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.
މޫސާ ލަތީފު އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މަސައްކަތާ މެދު ހިތްހަމަނުޖެހިގެން، އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ހަ ކައުންސިލަރަކު މިދިޔަ މަހުގެ 27 ވަނަ ދުވަހު ކައުންސިލަށް ސިޓީއެއް ހުށަހަޅާފައި ވަނިކޮށެވެ.
ހއ. އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ފަސް ކައުންސިލަރަކާއި ސަރުކާރު ހިންގާ ޕީޕީއެމްގެ ހަތަރު ކައުންސިލަރުންގެ އިތުރުން އެމްޑީއޭގެ ކައުންސިލަރެކެވެ.