05 May 2014, 22:44
އަލިމަސް އުފާ ކާނިވާ ސަރަހައްދުގައި ވިޔަފާރިކުރަމުންދާ ގިނަ ފަރާތްތަކެއްގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެ ފަރާތަކުން މިހާރު އެތަނުގައި ވިޔަފާރި ކުރަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކާނިވާ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ތިބި މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އެތަންތަނުގައި ދެމިތިބުމުގެ ސަބަބުން އަލުން އެއްބަސްވުން ހެދުނު ފަރާތްތަކުގެ ތެރެއިން މަދުބަޔަކަށް މެނުވީ އެތަންތަން ތަރައްގީކުރުމުގެ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ގެއްލިގެންދާ ކަމަށް ވެސް މާލެސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ސޮއިކުރައްވާފައިވާ ބަޔާނުގައިވެ އެވެ.
"އަލުން އެއްބަސްވުން އެއްބަސްވުން ހެދުނު ފަރާތްތަކުން، ދައުލަތަށް ދައްކަން ހުށަހަޅާފައިވާ މަހު ކުލި ނުދެއްކޭ ކޮންމެ ދުވަހަކީ، ދައުލަތަށް ލިބެން ޖެހޭ ބޮޑު އާމްދަނީން ގެއްލޭ ގިނަ ފައިސާތަކެއް ކަމަށާއި، އެކަން ގާނޫނީ ހަމަތަކުގެ މަތީން ހަމަޖެއްސުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށާއި އަދި އެންޓި ކަރަޕްޝަން ކޮމިޝަންގެ ސަމާލުކަމަށް ގެންނަވައި އެ ވާހަކަތައް ވާނީ ސިޓީގެ ޒަރީއާ އިން އެފަރާތްތަކަށް އަންގާފަ އެވެ." އެ ބަޔާނުގައިވެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، ކާނިވާ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ތިބި ފާރާތްތަށް ބޭރުކުރުމަށް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެއްބާރުލުން ދީފައި ނުވުމުގެ ސަބަބުން މިހާރު އެކައުންސިލުން މަސައްކަތް ކުރަމުންދަނީ ޝަރުއީ ކޯޓުތައް މެދުވެރިކޮށް ގަވާދާ ހިލާފަށް އެތަނުގައި ދެމިތިބި ފަރާތްތައް އެތަނުން ބޭރުކުރުމުގެ މަސައްކަތް ކަމަށެވެ.
އަލިމަސް އުފާ ކާނިވާ ސަރަހައްދު މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް "އެ ސަރަހައްދު ތަރައްގީ ކުރުމަށް 'ދިވެހި ސަރުކާރުގެ ގެޒެޓް'ގައި އިއުލާނުކޮށް އެ ސަރަހައްދު ތަރައްގީކުރުމަށް ޝައުގުވެރިވި ފަރާތްތަކާއި ޕްލޮޓްތައް ތަރައްގީކުރުމަށް އެއްބަސްވުން ގާއިމުކޮށް، ހަވާލުކުރެވުނީ 8 ޖެނުއަރީ 2013 ވަނަ ދުވަހު" ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ގަވާއިދާ ހިލާފަށް ދެމިތިބި ފަރާތްތައް އެތަންތަނުން ނުކުތުމަށް ތަފާތު އެތައް ފަހަރެއްގެ މަތިން ސިޓީއާއި ނޯޓިސް ފޮނުވައިގެން އެންގުމުން ވެސް އެދެވޭ އިޖާބައެއް ދީފައިނުވާތީ، އެފަރާތްތަކަށް ދޫކޮށްފައިވާ ވިޔަފާރި ހުއްދަ ބާތިލް ކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ސިޓީ ކައުންސިލުން އަދި ބުނެފައިވަނީ، ކާނިވާ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުރަމުދާ ވިޔަފާރިތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ވެސް ވެސް އެތައްފަހަރެއްގެ މަތިން މަސައްކަތް ކުރެވުނު ނަމަވެސް ފުލުހުންގެ ފަރާތުންވެސް ސިޓީ ކައުންސިލަށް އެދެވޭ އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ.