ދައުލަތުލް ގަތަރުގައި އަލަށް ހަދާފައިވާ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ގޮތުން އެ ދައުލަތުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސް ގެ ވީއައިޕީ ހާއްސަ ފްލައިޓެއް އެ އެއާޕޯޓަށް ޖައްސައިފިއެވެ.

ހަމަދު އިންޓަނޭޝަލް އެއާޕޯޓް ހުޅުވުމުގެ ގޮތުން ގަތަރު އެއާވޭސްގެ އޭ320 ފްލައިޓް ޖައްސާފައި ވަނީ ބުދަ ދުވަހު، މާލޭ ގަޑިން ގާތްގަނޑަކަށް މެންދުރު 2 ޖެހި އިރު އެވެ. އަދި މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ގަތަރު އެއާވޭސްގެ މައި މަރުކަޒަކަށް ވެގެން ދާނީ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް ކަމަށް އެ އެއާލައިން އިން ބުންޏެވެ.

ހަމަދު އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓް ޖެއްސުމާ އެކު ފެންއަރުވާ ވަޑާމަކުން ކުރުނީސް ކުރެވުނެވެ. އަދި ފްލައިޓްގައި ތިބި ވީއައިޕީ ބޭފުޅުންނަށް މަރުހަބާ ކިއުމަށްޓަކައި ގިނަ އަދަދެއްގެ ބައެއް އެއާޕޯޓްގެ ބީ3 ގޭޓް ކައިރީގައި މަޑުކޮށްލައިގެން ވެސް ތިއްބެވެ.

ހުޅުވުމާ އެކު، ބުދަ ދުވަހުން ފެށިގެން ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް އަށް 10 އެއާލައިން އަކުން ވަނީ ދަތުރުތައް ފަށާފައެވެ. އޭގެ ތެރޭގައި ބިމާން ބަންގްލަދޭޝް އެއާލައިންސް، ފްލައި ޑުބާއީ، އެއާ އަރަބިއާ، އިރާން އެއާ، އެއާ އިންޑިއާ އެކްސްޕްރެސް، ޔަމަނިއްޔާ، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް، ސީރިއަން އެއާލައިންސް، ޕެގަސަސް އެއާލައިންސް އަދި ނޭޕާލް އެއާލައިންސް ހިމެނެއެވެ.

މި އާ އެއާޕޯޓް ހުޅުވިގެންދިޔަ ދުވަހަކީ ގަތަރުގެ ދައުލަތަށާއި ގަތަރު އެއާވޭސްއަށް ވަރަށް ތާރީހީ ދުވަހެއްކަމަށް ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރ އަލް ބޭކަރވަނީ ސިފަކޮށްފައެވެ.

“އިންތިޒާރުތަކަކަށް ފަހު އެއާޕޯޓް ހުޅުވިއްޖެ. މި އެއާޕޯޓް ހުޅުވިގެން ދިއުމުގެ މާނައަކީ ފަސެންޖަރުންނަށް ލިބޭދަތުރުފަތުރުގެ އެކްސްޕީރިއަންސް ބަދަލުކޮށްލާ ފަދަ އެއާޕޯޓަކާ އެކު، ދޯހާގެ ދޮރުތައް ހުޅުވާލަން އެ ސިޓީއިން ތައްޔާރަށް އޮތްކަން. އަދި މެއި މަހުގެ 27 ވަނަ ދުވަހު ގަތަރު އެއާވޭސްގެ ހުރިހާ ފްލައިޓްތަކެއް މި އާ މަރުކަޒަށް ބަދަލުވެ ނިމޭނެ. މިކަމާ އަރަމެން މިތިބީ ވަރަށް އުފަލުން، އެ ދުވަހަށް ބަލަބަލައި،” އަކްބަރ އަލް ބޭކަރ ބުންޏެވެ.

ބޮޑުމިނުގައި މުޅިއެކު 29 އަކަ ކިލޯމީޓަރު ހުންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް އަޅާފައިވާ ބިމުގެ 60 އިންސައްތަ އަކީ ހިއްކި ބިމެވެ. މި އެއާޕޯޓް ފަރުމާކޮށްފައިވަނީ އަހަރަކު 50 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށެވެ.