މޫސުމީ ވިއްސާރައިގާ އޮސްޓްރޭލިޔާގެ އިރު އުތުރުގެ ސަރަޙައްދުތަކަށް ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްލިބި އެސަރަޙައްދުގެ ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.


މެދުކެނޑުމެއްނެތި ދެތިންދުވަހު ވާރޭ ވެހުމުގެ ސަބަބުން އޮސްޓްރޭލިޔާގެ އިރު އުތުރުގެ އެތައް އަވަށެއްގެ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސް، 300 އެއްހާ މަގު ބަންދު ކުރަން ޖެހުނު ކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ.


މިސަރަޙައްދުގެ އަވަށެއްކަމަށްވާ ތިއޯޑޯގެ ގެތަކަށް ފެންވަނުމުގެ ސަބަބުން އެއަވަށުގައި ދިރިއުޅޭ 300 އެއްހާ މީހުން އެހެންތަންތަނަށް ވަގުތީ ގޮތުން ބަދަލުކުރީ ހެލިކޮޕްޓަރު ތަކުގައެވެ. އޮސްޓްރޭލިޔާގައި ފެންބޮޑުވުމުގެ ސަބަބުން ކަފަދަނޑުތަކާ ސަންފްލާވާ ދަނޑުތައް ހަލާކުވެ އެތައް މިލިއަން ޑޮލަރުގެ ގެއްލުންވެފައި ވެއެވެ. އޮސްޓްރޭލިޔާގެ ބްރިސްބަންއަށް މިހާރު ކުރިމަތިވެފައިވާ ވިއްސާރަ މޫސުމަކީ ފާއިތުވި ސަތޭކަ ފަންސާހެއްހާ އަހަރުތެރޭ ކުރިމަތިވި އެންމެ ގޯސް މޫސުން ކަމަށް އެޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.