މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ، ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް ގެންދިއުމަށް އެ ކްލަބުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫހެއް ކަމަށްވާ އީއެސްޕީއެންގައި ބުނެފައި ވަނީ، ކުރިއަށް އޮތް ޓްރާސްފާގައި އިނގިރޭސި ކްލަބަކުން ރޫނީ ހޯދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ރޫނީ ގެންދިއުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮސްފައި ވަނީ ހަމައެކަނި ޕީއެސްޖީއިން ކަމަށެވެ. އަދި ޕީއެސްޖީއިން ރޫނީއަށް 35 މިލިއަން ޕައުންޑް ހުށަހަޅާކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

މީގެ ކުރިން ރޫނީ ހޯދުމުގެ އެންމެ ކުރީ ސަފުގައި އުޅުނީ އިނގިރޭސި ކުލަބް ޗެލެސީ އެވެ. އެހެން ނަމަވެސް މީޑިއާ ރިޕޯޓްތަކުގައި މިހާރު ބުނެފައި ވަނީ ރޫނީ ހޯދުމަށް ޗެލްސީއިން ކުރަމުން ގެންދިޔަ މަސައްކަތް މިހާރު ހުއްޓާލާފައި ވާކަމަށެވެ.

ޕީއެސްޖީއިން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޫނީއަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާއިރު، މެންޗެސްޓާ ޔުނައިޓެޑުން މިހާރުން މަސައްކަތް ފަށާފައި ވަނީ މިސީޒަންގައި ލިބުނު މާޔޫސް ކަމުން އަރައިގަތުމަށް އަންނަ ޓްރާންސްފާ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ގަތުމަށެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ، ޔުނައިޓެޑުން އަންނަ ޓްރާންސްފާ ސީޒަނުގައި އެ ކުލަބް ވަރުގަދަ ކުރުމުގެ ގޮތުން މަޝްހޫރު ބޮޑެތި ކުލަބްތަކަށް ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ގަތުމުގެ ގޮތުން 250 މިލިއަން ޕައުންޑް ކުރިއަށް އޮތް ޓްރާންސްފާ ސީޒަންގައި ހަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ޔުނައިޓެޑްގެ ކޯޗް ކަމާ ނެދަލޭންޑްސްގެ ކޯޗު ވެންގާލް ހަވާނެކަމަށް އިނގިރޭސި މީޑިއާތަކުން ބުނަންފަށާފައިވާއިރު، ރޫނީ އިތުރަށް ކުލަބުގައި ހުރުމާ މެދު ބައެއް މީޑިއާތުން މިހާރު ވަނީ ސުވާލުތަކެއް އުފައްދަން ފަށާފައެވެ.

މެންޗެސްޓާ ޔުނައިޓެޑް ތަށްޓަކާ ނުލައި ސީޒަން ނިންމާލިއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ވެސް ހިމެނިފައި ނުވުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސްލީގުން ވެސް ޔުނައިޓެޑަށް ވަނީ ޖާގައެއް ނުލިބިފަ އެވެ.

މި ސީޒަނުގައި ގިނަ ދަތިކަކާ ކުރިމަތިވެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވުމުން ޔުނައިޓެޑަށް ގެނައި ކޯޗު ޑޭވިޑް މޮއެސްވަނީ ހުސްވި މަހުގެ ތެރޭގައި މަގާމުން ދުރުކޮށްފަ އެވެ. މިހާރު އެޓީމުގެ ކޯޗް ކަމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރީ ތަޖުރިބާކާރު މިޑްފީލްޑަރު ރަޔަން ގިގްސް އެވެ.