ށ. ފޯކައިދު އަށް މިއަދު ކުރަމުންދާ ވިއްސާރައިގައި އެރަށުގެ ރުއްގަސްތަކަކަށް ހޮނުއަޅައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ، އެ ރަށު ސިއްހީ މަރުކަޒު ކައިރީގައި ހުރި ބައެއް ރުއްގަސްތަކަކަށް ހޮނުއަޅާފައި ވަނީ މިއަދު މެންދުރު ފަހު 2:30 ހާއިރު ކަމަށެވެ. އަދި ހޮނުއެޅުމުގެ ސަބަބުން ބައެއް ރުއްގަހުގައި ރޯވެފައިވާ އިރު ހޮނުއެޅި ސަރަހައްދާ ތަންކޮޅެއް ދުރުގައި ހުރި ބައެއް ގޭގޭގައި ބޭނުންކުރަމުން ދިޔަ ކަރަންޓް ސާމާނުތަކެއް ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ހޮނުއެޅި ވަގުތު ވިދުވަރާ އެކު ވަރަށް ބާރަށް ގުގުރާލި. ހޮނު އެޅުމާއި ބާރަށް ގުގުރައި ވިދުމުގެ ސަބަބުން މިހާތަނަށް 13 ގެއެއްގައި ހުރި ޓީވީ އާއި ދެ ސީޑީ ޕްލެޔަރެއްގެ އިތުރުން އެމްޕެއް ވަނީ ހަލާކުވެފައި،" ރާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހޮނުއެޅުމުގެ ސަބަބުން އެއް ގެއެއްގެ މީޓަރު ބޯޑުވެސް ވިރިފައިވާ އިރު، ބައެއް ގޭގެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ކަރަންޓް ކެނޑުނު ގެތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ރާޝިދު ވިދާޅުވި އެވެ.

ށ. ފޯކައިދޫ އަށް މިއަދު ހޮނުއަޅާފައިވާ އިރު، މިދިޔަ މަހުގެ ފަހުކޮޅު އެ އަތޮޅު ކަނޑިތީމުގައި ހުންނަ އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ އަމިއްލަ ބައެއްގެ އެންޓަނާ އަކަށް ވެސް ހޮނުއަޅައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.