ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ބޭންކަށް ނެގި ބ. ފޮނިމަގޫދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ރީތި ބީޗު ރިސޯޓާއި ރިސޯޓަކަށް ހަދަން ފަށާފައިވާ މަހައްދޫ ވިއްކާލަން ބީއެމްއެލް އިން އިއުލާނުކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ މަހު ފަހުކޮޅު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރީތި ބީޗު ރިސޯޓާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ފަށާފައިވާ މަހައްދޫ އައިލެންޑް ގަންނަން ޝައުގުވެރިވާ، ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ހަތަރު ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ 114 ކޮޓަރީގެ ރީތީ ބީޗު ރިސޯޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29ގެ ކުރިން އީއޯއައި ހުށަހެޅުމަށް ބޭންކުން ވަނީ އިއުލާންކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބ. ކެންޑޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީގެ މަސްލަހަތު އޮންނަ ފުނައްޑޫގައި ހިންގަމުން އަންނަ މަސްފެކްޓްރީ އާއި ރީތި ބީޗު އަދި މަހައްދޫ ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް އިން ނިންމާފައި މިވަނީ އެ ކުންފުނިން ނަގާފައިވާ ލޯނަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ތަންތަން ބޭންކަށް ނެގުމަށް ފަހު އެވެ.

ބޭންކުން ކުރި އިއުލާނުގައި އިތުރަށް ބުނެފައި ވަނީ އީއޯއައިތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުންތައް ޝޯޓް ލިސްޓް ކުުރުމަށް ފަހު، ޕްރޮޕޯސަލްތައް ހުށަހަޅަން އެ ފަރާތްތަކަށް ފުރުސަތުދޭނެ ކަމަށެވެ. އެގޮތުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ އިރު ކުންފުނީގެ ހިއްސާދާރުންނާއި ކުންފުނީގެ އިސް ހިންގުންތެރިންގެ މައުލޫމާތާއި ކުންފުނީގެ މާލީ ހާލަތު ބަޔާންކޮށްދޭ މައުލޫމާތުތައް ހުށަހަޅަން ޖެހެ އެވެ.

ފުނައްޑޫގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ނެގި 117 މިލިއަން ރުފިޔާ ނުދައްކައިގެން އަދި އިންޓަރެސްޓާ އެކު ބޭންކަށް ދައްކަން ޖެހޭ އަދަދު 206 މިލިއަން ރުފިޔާ އަށް އެރުމުން ބޭންކުން ވަނީ އެ ތަންތަންތަން މިދިޔަ އަހަރުގެ ކުރީކޮޅު ބޭންކަށް ނަގައިފަ އެވެ.