05 May 2014, 20:43
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 22 މާއްދާއަކަށް އަމަލު ކުރުން އެއް އަހަރަށް ފަސް ކުރި މުއްދަތު މިއަދަށް ހަމަވުމުން، އެ މާއްދާތަކަށް އަމަލު ކުރައްވަން ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ލާޒިމް ވެވަޑައިގެންފި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަކީ ދައުލަތުގެ ބަޖެޓާ ގުޅޭ ސިޔާސަތުތައް ޒިންމާދާރު ގޮތެއްގައި ދެމެހެއްޓެނިވި އޫސޫލަކުން ހިފެހެއްޓުމާއި ދައުލަތުގެ ފިސްކަލް ޕޮލިސީ ދެފުށް ފެންނަ ގޮތެއްގައި ކަށަވަރު ކުރުމުގެ ހަމަތައް ބަޔާންކޮށްފައިވާ ގާނޫނެކެވެ.
އެ ގާނޫނުން ބާރުލިބިގެން ރައީސް ވަހީދު އަމަލު ކުރެއްވުން ހުއްޓަވާލެއްވި މާއްދާތަކުގައި ބުނެފައި ވަނީ، ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނާއި ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގެ އިތުރުން ބަޖެޓް ޕޮޒިޝަން ރިޕޯޓު ކޮންމެ އަހަރަކު މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ވަހީދުގެ ސަރުކާރުގައި އަމަލު ކުރުން ހުއްޓަވައިލެއްވި މާއްދާތަކުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދަރަނީގެ ގޮތުގައި ސަރުކާރަށް ފައިސާ ނެގޭނެ މިންގަނޑު ކަނޑައަޅާފައިވެ އެވެ. އެގޮތުން ދައުލަތަށް އެމްއެމްއޭ އިން ދަރަނި ނެގޭނީ، ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރާ ގޮތަށް ކަމަށާއި އެ ގޮތަށް ދަރަނި ނެގޭނީ ވޭތުވެ ދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް އިންސަންތައަށް ވުރެ، އިތުރުނުވާނެ ގޮތެއްގެ މަތިން ކަމަށް އަމަލު ކުރުން ހުއްޓާލި މާއްދާއެއްގައިވެ އެވެ.
އެ މާއްދާތަކަށް އަމަލު ކުރުން އެއް އަހަރަށް ފަސް ކުރީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ތަސްދީގު ކުރި ދުވަހު، މެއި 5، 2013 ގަ އެވެ. އެއް އަހަރު ދުވަހުގެ މުއްދަތު މިއަދަށް ހަމަވުމުން އެ މާދަމާތަކަށް މާދަމާ (މެއި 6، 2014) އިން ފެށިގެން ސަރުކާރުން އަމަލު ކުރަންވާނެ އެވެ.
އެ ގާނޫނުގެ މާއްދާތަކަށް އަމަލު ކުރުން ތިން އަހަރަށް ފަސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ބާރު ލިބިދޭ ބިލެއް ޕީޕީއެމުން ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނަށް އަމަލު ކުރެވެން އޮތީ ވަކި އުސޫލުތަކެއް ނުވަތަ ވަކި ނިޒާމްތަކެއް ތައާރަފްކޮށްގެން ކަމަށް ރައީސަށް ފެނިއްޖެ ހިނދެއްގައި އެ މާއްދާތަކަށް އަމަލު ކުރުން ތިން އަހަރަށް ފަސް ކުރެވިދާނެ ކަމަށެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ އެ ބިލް އާ މަޖިލީހުން ފާސްކޮށްގެން އެ މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމުގެ ބާރު ރައީސް ޔާމީނަށް ދެއްވުމަށް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ބަލަމުން މިދަނީ އާ މަޖިލީހުން އެކަން ފާސްކޮށްގެން އަމަލު ކުރަން. އެ ގާނޫނުގައި މިހާރު ހުރި މާއްދާތަކަކީ ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތު ހުރި ގޮތުން އަމަލު ކުރަން ދަތި މާއްދާތަކެއް،" މޫސާ ޒަމީރު ވިދާޅުވި އެވެ.