05 May 2014, 20:15
ގައުމީ ތަރައްގީއަށް ލާބަޔާއި މަންފާ ލިބޭ ފަދަ އަގުހުރި ހިދުމަތެއް ކޮށްދީފައިވާ އަންހެނުންނަށް ސަރުކާރުންދޭ "ރެހެނދި" އެވޯޑް ދިނުމަށާއި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މާދަމާ ބާއްވަން އޮތް ރަސްމިއްޔާތު ފަސްކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތު ފަސްކުރެވިފައި ވަނީ، މިފްކޯގެ ޗެއާޕާސަން އަދި ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. ފާތިން ހަމީދު މިއަދު އަވަހާރަ ވުމާއި ގުޅިގެންނެވެ. އަދި އެ ޖަލްސާ އަލުން ބާއްވާނެ ތާރީހެއް ނޭނގޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޑރ. ފާތިން ހަމީދު އަވަހާރަވެފައިވަނީ، އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ރާއްޖޭގެ ގަޑިން 12:45 އެހާކަންހާއިރު އެވެ.
ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ އަށް ވަނަ ދުވަހަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހެވެ. އަންހެނުން ހާސިލްކުރާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމުގެ ސަބަބުން ގައުމީ ޚިދުމަތަށް ނުކުންނަ އެހެން އަންހެނުންނަށް ހިތްވަރު ހޯދައިދިނުމަށް ސަރުކާރުން ތައާރަފް ކުރި "ރެހެނދި" އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ އަހަރަކު އެއްފަހަރު އެވެ. އަދި އެ އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ އެ މިނިސްޓްރީން އެވެ.