ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު މަތީ ތައުލީމުދޭ ސެންޓަރު، ސެންޓަރު ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް މިއަހަރު އަލަށް 566 ދަރިވަރަކު ގުޅިއްޖެ އެވެ.

ސީއެޗްއެސްއީ އިން ބުނީ، މިއަހަރު ސީއެޗްއެސްއީ އަލަށް ވަނުމަށް ފޯމް ހުށަހެޅި ދަރިވަރުންގެ ތެރެއިން 982 ދަރިވަރަކު ޝަރުތު ހަމަވި ނަމަވެސް، ސްކޫލްގެ ޖާގަ އޮތް މިންވަރުން ދަރިވަރުންގެ މާކްސްއަށް ބެލުމަށްފަހު، ޖާގަ ދީފައިވަނީ 566 ދަރިވަރަކަށް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، 314 އަންހެން ދަރިވަރުންނާއި 252 ފިރިހެން ދަރިވަރުންނެވެ. އަތޮޅުތަކުގެ ސްކޫލްތަކުން ސާނަވީ އިމްތިހާން ނިންމި 169 ދަރިވަރަކު މިއަހަރު އަލަށް ސީއެޗްއެސްއީ އަށް ވަނީ ވަދެފަ އެވެ.

ސީއެޗްއެސްއީއަަށް މިއަހަރު އަލަށް ވަތް ކުދިންނަށް މަރުހަބާ ކިޔުމަށް މިއަދު ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މަތީ ސާނަވީ ތައުލީމަކީ ސްކޫލް ތައުލީމުގެ އެންމެ ފަހު މަރުހަލާ ކަމުން، މުސްތަގުބަލް ބިނާކުރެވެން އޮންނާނީ އެ މަރުހަލާގައި ހޯދާ ކާމިޔާބީ އެއްގެ މައްޗަށް ކަމަށެވެ.

ސީއެޗްއެސްސީ އަށް މިއަހަރު އަލަށް ވަތް ކުދިންގެ ތެރޭގައި ގިނަ އަަދަދެއްގެ އަންހެން ދަރިވަރުން ހިމެނުންކަމީ، އަންހެން ދަރިވަރިންގެ ތައުލީމަށް ޒަމާނުއްސުރެ ރާއްޖޭގައި އޮތް ހޭލުންތެރިކަން ރަމްޒު ކޮށްދޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިއަހަރާއި އަންނަ އަހަރު އެ ސްކޫލްގެ ޕްރިފެކްޓް އެގްޒެކެޓިވް ކޮމެޓީއަށް ހޮވުނު ދަރިވަރުންނަށް ވަނީ މަގާމު ވެސް ހަވާލުކޮށްދެއްވާފަ އެވެ. އެ މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް މަގާމް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ.

އެގޮތުން މިއަހަރާއި އަންނަ އަހަރު ސީއެޗްއެސްއީގެ ކެޕްޓަނަކަށް ހޮވިފައިވަނީ ހުސައިން ޒަޔާން ޝާފިއު އެވެ. އަދި ޑެޕިއުޓީ ކެޕްޓަނުންގެ ގޮތުގައި ހޮވިފައިވަނީ މަރިޔަމް އިބްހާ ޖަލީލް އާއި ނުހާދު މުހައްމަދު މާހިދު އެވެ. ގޭމްސް ކެޕްޓަނެއްގެ ގޮތުގައި އަހްމަދު ޒައިން ޒަރީރް ހޮވުނު އިރު، ޑެޕިއުޓީ ގޭމްސް ކެޕްޓަނުންނަށް ހޮވިފައިވަނީ ތަމާނަތް އައްޔޫބް އާއި އިޖުލާޒް އަބްދުލް ރަޝީދު އެވެ.

ސީއެޗްއެސްއީ އިން ބުނީ، ސްކޫލްގެ ކިޔެވުން އަންނަ ހަފްތާގެ އާދީއްތަ ދުވަހު ފެށުމުގެ ކުރިން ބައެއް މާއްދާތަކުގެ އޮރިއެންޓޭޝަންތަކެއް މިއަދު ކުރިއަށްދާނެ ކަމަށެވެ. އަދި މިއަދު އޮރިއެންޓޭޝަން ކުރިއަށް ނުގެންދެވޭ މާއްދާތަކުގެ އޮރިއެންޓޭޝަން ސްކޫލް ފެށޭ ފުރަތަމަ ދުވަހު ކުރިއަށްގެންދާނެ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.

މީގެ އިތުރުން، ދަރިވަރުންނަށް ލައިފް ސްކިލް ޕްރޮގްރާމްތަކެއް ސްކޫލް ފެށުމުގެ ކުރިންނާއި ފަހުންވެސް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.

ސީއެޗްއެސްސީ އަކީ ޖީސީއީ އޭ ލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައި ސަރުކާރުން 1979 ވަނަ އަހަރު ހުޅުވި މަތީ ތައުލީމްދޭ ފުރަތަމަ ސްކޫލެވެ.