05 May 2014, 16:27
ނޫސްވެރިންނަށް ދޭ މިނިވަންކަން ކޮންމެ ހިސާބަކަށް ގެންދެވި ނަމަވެސް މި ސަރުކާރަކުން ނޫސްވެރިންނާމެދު ފިޔަވަޅެއް ނާޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
~
ޅ. ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ވެސް އެކި ނޫސް އިދާރާތަކުން ސަރުކާރަށާއި ސަރުކާރުގެ އިސްވެރިންނަށް ރައްދުވާގޮތަށް ތުހުމަތުތައް އަޅުވަމުންދާ ކަމަށެވެ. ނަމަވެސް އެ ކަމަކާއި ގުޅިގެން އެއްވެސް މައްސަލައެއް ނުބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދުގެ ސަރުކާރުގައި ނޫސްވެރިންނަށް ދޭ މިނިވަންކަން ކޮންމެ ހިސާބަކަށް ނޫސްވެރިން ގެންދެވި ނަމަވެސް އަޅުނގަޑުމެން ސަރުކާރަކުން ނޫސްވެރިންނާ ދޭތެރޭ ފިޔަވަޅެއް ނާޅާނެ،" ރައީސް ވިދާޅުވި އެވެ. "މިހާރުވެސް އެކި ނޫސްތަކާއި ޓީވީ ޗެނަލްތަކުގައި އެކިވަރުގެ ވާހަކަ އެބަ ދައްކަވާ. އަދި ސަރުކާރަށް ރައްދުކޮށް ސަރުކާރުގައި ތިބި މަސްއޫލުވެރިންނަށް ރައްދުކޮށް އެކިއެކި ބޮޑެތި ކުށްތައް ކޮށްފަ ތިބި މީހުން ކަމަށް ބުނަމުން އެ ގެންދަނީ. އަޅުނގަޑުމެން ނޯންނާނެ އެފަދަ މައްސަލައެއް ކޯޓަކަށް އޭސީސީއަކަށް ހުށަހާޅާފަ އެއް،"
ނޫސްވެރިންނަށް ދޭ މިނިވަންކަން ކޮންމެ ހިސާބަކަށް ގެންދެވިޔަސް ސަރުކާރަކުން ފިޔަވަޅެއް ނާޅާނެ
އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިޔުމަކީ މި ސަރުކާރުން މާ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ދުވަހަކު ދިވެހިން ނޫސްވެރިން ނުދެކޭ ވަރަށް މި ސަރުކާރުގައި އޮންނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"މި ސަރުކާރަކަށް މައްސަލައެއް ނުވޭ. އަޅުނގަޑަކަށް މައްސަލައެއް ނުވޭ. އަޅުނގަޑުގެ ޒާތާ ބެހޭގޮތުން ޝަހްސަކާ ބެހޭގޮތުން ވާހަކަދެއްކުމެއް،" ރައީސް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައިވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި އެވޯޑު ހަފުލާ އެރުވި ދައުވަތަށް ވަޑައިނުގަތުމުން ގިނަ ނޫސްވެރިންގެ ފާޑުކިޔުންތަކެއް އެމަނިކުފާނަށް ވަނީ އަމާޒު ވެފަ އެވެ.
ރައީސް ޔާމީން އެ ރަސްމިއްޔާތަށް ވަޑައިނުގަތް ސަބަބާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޒަމާނު އިބްރާހިމް މުއާޒު އަލީ ކުރިން ވިދާޅުވެފައިވަނީ އެ ރަސްމިއްޔާތަށް ރައީސް އަށް ވަޑައިނުގެންނެވީ ވަގުތު ކުޑަތަންވެފައި ވަނިކޮށް، ދައުވަތު އަރުވާފައި ވާތީ ކަމަށެވެ.