05 May 2014, 16:20
އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމަށް ޓަކައި ރާއްޖޭގެ ގައުމީ ޓީމު ތައިލެންޑަށް ކުރި ތަމްރީން ދަތުރު ނިންމާލުމަށް ފަހު، މިއަދު މެންދުރު މާލެ އަތުވެއްޖެ އެވެ.
އަންނަ މަހު 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑަށް ކުރި ދަތުރުގައި ގައުމީ ޓީމު ތިން މެޗެއް ކުޅެފައިވެ އެވެ. އެގޮތުން ތައިލެންޑުގެ އެއްވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އޮސްޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ގައުމީ ޓީމު ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ދެވަނަ މެޗު ގައުމީ ޓީމު ނުކުތީ ތައިލެންޑުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށެވެ. އެ މެޗުގައި ފުރަތަމަ 19 އަހަރުން ދަށުގެ ޓީމު ލީޑު ހޯދި ނަމަވެސް، ރާއްޖެ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފޯވަޑް މުހައްމަދު އުމެއިރު އެވެ.
ގައުމީ ޓީމު ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ތައިލެންޑުގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ކަސްޓަމްސް ޔުނައިޓެޑާއި ދެކޮޅަށެވެ. މި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި ގައުމީ ޓީމުގެ ލަނޑު މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އަސަދުﷲ އަބްދުﷲ އެވެ.
ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި ރާއްޖެއާ ވާދަކުރާނީ ފަލަސްތީނާއި މިޔަންމާ އަދި ކިރްގިސްތާނެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.