3:21- ކުރިސްމަސް ފާހަގަ ކުރަމުން ގެންދިޔައީ ހެންވޭރު މަސްވެރިންގެ ޕާކް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހުންނަ "ޖޭޑް ބިސްޓްރޯ" ރެސްޓޯރެންޓްގަ އެވެ.


ކްރިމަސް ފަހަގަ ކުރަން ބޭނުންކުރާ ތަކެތި ޑިސްޕްލޭކޮށްގެން ޖޭޑް ރެސްޓޯރަންޓުގައި ކުރިސްމަސް ފާހަގަ ކުރިތަން ފެނުނު ބައެއް މީހުން ބުނީ އެ ރެސްޓޯރެންޓުގެ ތެރޭގައި ކުރިސްމަސް ޓްރީތަކާއި ކުރިސްމަސް ފާހަގަ ކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ތަކެތި ރެސްޓޯރެންޓުގެ ތަނބުތަކުގައި އެލުވާފައި ވާ ކަމަށާއި ސްޓާފޯސް ފުލުހުން ރެސްޓޯރަންޓަށް ވަދެ ބަންދު ކުރި އިރުވެސް އެތަނުގައި ކުރިސްމަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށްދިޔަ ކަމަށެވެ.


"މިކަމެއް މިތަނުގައި ހިންގާތާ ދެތިން ރޭ ވެއްޖެ" އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުންޏެވެ.


ސަން އޮންލައިންގެ ނޫސްވެރިން އެސަރަހައްދައް ދިޔައިރުވެސް ފުލުހުން ވަނީ އެތަނަށް ނުވަދެވޭ ގޮތަށް ރެސްޓޯރަންޓު ބަންދުކޮށްފަ އެވެ. އޭރުވެސް ބޭރައްފެންނަ ގޮތަށް ކުރިސްމަސް ގަހެއް ބަހައްޓާފައި ހުއްޓެވެ. އޭގެ 15 ވަރަކަށް މިނެޓް ފަހުން ފުލުހުންގެ ފޮރެންސިކު ޓީމެއް އެ ރެސްޓޯރަންޓުގެ ތެރެއަށް ވަދެ އެ ތަނުގެ ބޮކިތައް ނިއްވާލި އެވެ.


ޖެޑް ރެސްތޯރެންޓުގައި ކުރިސްމަސް ފާހަގަކުރުމުން ބަޔަކު މީހުން އެ ސަރަހައްދަށް އެއްވެ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެ ސަރަހައްދުގައި ނުރުހު ފާޅުކުރި ފަރާތްތަކުން ބުނަމުން ދިޔައީ ކުރިސްމަސް ފާހަގަ ކުރުމަކީ އެހެން ބައެއްގެ އަގީދާ އާއި ގުޅިފައިވާ ކަމެއް ކަމަށާއި އެފަދަ ކަންކަން ރާއްޖޭގައި ހިންގިގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް ހިގާފައެއް ނުވެ އެވެ.


ޖޭޑް ރެސްޓޯރަންޓުގެ ތެރެއަށް ފުލުހުން އެއްވެސް ނޫސްވެރިއަކު ނުވެއްދި އެވެ. އެހެންވުމުގެ ސަބަބުން ރެސްޓޯރަންޓުގެ ތެރޭގައި އާންމު މީހަކު ހުރިކަން ވަނީ ކަށަވަރު ނުވެފަ އެވެ. ފުލުހުން ރެސްޓޯރެންޓް ބަންދުކޮށްގެން ބައިގަޑިއެއް ހާއިރު ތިއްބެވެ.


ރެސްޓޯރެންޓް ދޫކޮށް ފުލުހުން ދިޔައިރު އެ ރެސްޓޯރަންޓު ތެރެއިން މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ އެވެ. ނަމަވެސް އެތަނުން އެއްވެސް ސާމާނެއް ފުލުހުން ނުގެންދެ އެވެ.


ފުލުހުންގެ މީޑިއާ ކޯޑިނޭޓާ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެ ރެސްޓޯރެންޓުގެ ތެރެއިން ހައްޔަރު ކުރީ މިހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ.


ސަންއޮންލައިންއަށް ލިބިފައިވާ އެ ރެސްޓޯރެންޓުން ކުރިސްމަސްއަށް ހާއްސަކުރެވިފައިވާ މެނޫގައި ހާއްސަ ކާތަކެތި ހިމަނާފައިވެ އެވެ. އަދި ގޭގެ އަށް ޑެލިވަރީ ކޮށްދޭ ކަމަށްވެސް އެ މެނޫ ބުނެ އެވެ. ކުރިސްމަސް އަށް ހާއްސަ ކޮށްގެން ޖޭޑް ރެސްޓޯރެންޓުން ތައްޔާރު ކޮށްފައިވާ އެ މެނޫގައި ކުރިސްމަސް ނައިޓް އޮފާއެއްގެ ގޮތުގައި މީހަކަށް 400ރ ދައްކަން ޖެހޭ ކަމަށްވެ އެވެ.


ކްރިސްމަސް ފާހަގަ ކުރި ޖޭޑް ރެސްޓޯރެންޓް ހިންގާ ފަރާތުން 2006 ވަނަ އަހަރު މާލޭގައި "ޖޭޑް ސްޕާ"ގެ ނަމުގައި މަސާޖްޕާލާއެއް ވެސް ހިންގާފައިވެ އެވެ.


----


 


 


2:21- ކްރިސްމަސް ފާހަގަ ކުރި ޖޭޑް ރެސްޓޯރެންޓް ހިންގާ ފަރާތުން 2006 ވަނަ އަހަރު މާލޭގައި "ޖޭޑް ސްޕާ"ގެ ނަމުގައި މަސާޖްޕާލާއެއް ވެސް ހިންގާފައި ވެއެވެ.


 


2:06- ރެސްޓޯރެންޓްގެ ތެރޭގައި ކްރިސްމަސް ފާހަގަ ކުރަން ގެންގުޅުނު ހުރިހާ އެއްޗެއްސެއް ފުލުހުން ގެންގޮސްފި އެވެ. މީގެ އިތުރުން އެ ރެސްޓޯރެންޓުން އެކަކު ހައްޔަރު ކޮށްގެން ގެންގޮސްފި އެވެ.


 


1:56- ފުލުހުން ޖޭޑް ރެސްޓޯރެންޓް ތެރެއަށް ވަދެ، ކްރިސްމަސް ޓްރީތައް ނަގައފި އެވެ. ފުލުހުން ފޮރެންސިކް ޓީމް ޖޭޑް ބޮކިތައް ނިވާލައިގެން ބަލަމުން އެބަގެންދެ އެވެ.


"އަޅުގަނޑު  ހުއްޓާ ފުލުހުން ވަދެގަތީ. އޭރު ހުރި ކްރިމަސް މެނޫ ޖަހާފައިވާ މެނޫއެއް ވެސް، ހަރުކޮށްފައި، މެނޫގައި އޮންނަ ގޮތުން ހަތަރު މީހަކަށް ކްރިސްމަސްޓްރީޓެއް ލިބެނީ 4500ރ. އަށް،" އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.


 


1:45- ހެންވޭރު "އައިފާން ބިލްޑިން" ހުންނަ ސަރަހައްދު، ބޮޑުތަކުރުފާނު މަގުގައި ހުންނަ "ޖޭޑް" ރެސްޓޯރެންޓްގައި ކްރިސްމަސް ފާހަގަ ކުރަމުންދަނިކޮށް އެތަނުން ފުލުހުން ވަދެއްޖެ އެވެ.


އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ ރެސްޓޯރެންޓްގައި ކްރިމަސް ފާހަގަ ކުރަން ބަހަޓާފައި ހުރި ކްރިމަސް ޓްރީތަކާއި މެނޫތައް ނަގަން ރެސްޓޯރެންޓްގެ ވެރިފަރާތަށް ފުލުހުން ވަދެ އަންގާފައިވާ ކަމަށެވެ. އަދި އެ ރެސްޓޯރެންޓްގެ ތެރޭގައި ސްޓާފޯސް ފުލުހުން ވަރަށް ގިނަ އަދަދަކަށް އެބަތިބި ކަމަށެވެ.


ފުލުހުން ބުނީ ރެސްޓޯރަންޓަށް ވަނީ ކްރިމަސް ފާހަގަ ކުރާތީކަން ކަށަވަރުކޮށްދެވެން ނެތް ކަމަށެވެ. އަދި ބުނީ އެތަނުގައި ހަމަނުޖެހުންތަކެއް ހިނގަމުންދާ ކަމަށެވެ.


އެ ސަރަހައްދުގައި ހުރި ނޫސްވެރިޔަކު ބުނީ ގިނަ އަދަދެއްގެ މީހުން ރެސްޓޯރެންޓް ކައިރީގައި އެއްވެފައިވާ ކަމަށާއި ރެސްޓޯރެންޓް ބޭރުގައި ކްރިސްމަސް މެނޫވެސް ބަހައްޓާފައިވާ ކަމަށެވެ.


"މީހުން އެއްވެ ނުރުހުން ފާޅު ކުރަމުންދަނީ. ކްރިސްމަސް ފާހަގަ ކުރަނީ ކަމަށް،"