05 May 2014, 16:13
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީ އަށް ލިބުނު ހިތްދަތި ނަތީޖާގެ ސަބަބުން އެކަމުގެ އަސަރު ކުޅުންތެރިންނަށް ކުރަމުންދާ ކަމުގައި އެ ކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލު މެޗުން އެތުލެޓިކޯ މެޑްރިޑް އަތުން 3-1 ލަނޑުން ބަލިވެ، ޗެލްސީ ވަނީ މުބާރާތުން ކަޓައިފަ އެވެ. ޗެމްޕިއަންސް ލީގުން ކެޓުމަށް ފަހު، ނޮވޮޗް ސިޓީއާ ދެކޮޅަށް ޗެލްސީ ރޭ ކުޅުނު މެޗު ނިމިގެން ދިޔައީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ޕްރިމިއާ ލީގުގައި ޗެލްސީ އަށް ލިބުނު މި ނަތީޖާގެ ސަބަބުން އެ ޓީމަށް ލީގު ކާމިޔާބު ކުރުމަށް ބޮޑު ހުރަހެއް ކުރިމަތިވާނެ އެވެ. މި ނަތީޖާގެ ސަބަބުން އެންމެ ބޮޑު އުންމީދެއް ލިބޭނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް ލިވަޕޫލް އަށެވެ. ޗެލްސީ އެއް މެޗު އިތުރަށް ކުޅުނު އިރު، އެ ޓީމާއި ސިޓީއާ ދެމެދު އެއް ޕޮއިންޓްގެ ތަފާތެއް އެބަ އޮތެވެ.
"ޗެމްޕިއަންސް ލީގު ސެމީ ފައިނަލުން ކެޓުމުން ކޮންމެ ޓީމަކަށް ވެސް މި ގޮތަށް ކަންތައް ދިމާވާނެ،" ނޫސްވެރިންނާއި ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ. "އަހަރެންނަށް ހީވަނީ ކުޅުންތެރިންގެ ހިތްވަރު ދިޔައީ ހެން، އަދި ލީގަށް އިސްކަންދިނުން ނެތިގެން ދިޔައީ ހެން. ފުރަތަމަ ހާފު އެކަހަލަ ގޮތަކަށް ދިޔަ ނަމަވެސް ފަހު ހާފުގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ،"
ނޮވިޗްއާ ދެކޮޅަށް ކުޅުނު މެޗުގައި އަންދްރޭ ޝޫލާ އަދި އެޑެން ހަޒާޑް އަށް ކުރި ފައުލާއި ގުޅިގެން ދެ ޕެނަލްޓީ ނުދިނުމުން މެޗުގައި ޗެލްސީން ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ. ނަމަވެސް އާންމުކޮށް ރެފްރީންނަށް ފާޑުކިޔަމުންދާ މޮރީނިއޯ، މެޗުގެ ރެފްރީންނަށް މާ ބޮޑު ކޮމެންޓެއް ކޮށްފަ އެއް ނުވެ އެވެ.
"ހަޒާޑް އަށް ކުރި ފައުލާއި ގުޅިގެން ޕެނަލްޓީއެއް ދޭން ޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރަން. އެ ފައުލް ކުރުމުން ޕެނަލްޓީ ނުދިނުމުން އަހަރެން ފުރަތަމަ ވެސް ދިޔައީ އޮފީހަށް. އެ ވަގުތު އެ ހާދިސާގެ ރިޕީޓެއް ބަލައިލުމުން އަހަރެންނަށް ވަރަށް ހިނި އައި،" ޗެލްސީ ކޯޗު ބުންޏެވެ. "ރެފްރީންނަށް ފާޑުކިޔައި އަހަރެން އެއްވެސް އެއްޗެކޭ ބުނާކަށް ބޭނުމެއް ނޫން. ރެފްރީންނާ މެދު ކޮމެންޓް ކުރުމުން އަހަރެންގެ އެސިސްޓަންޓް މިހާރު ވެސް ހުރީ ސަސްޕެންޝަނުގައި،"
ޕްރިމިއާ ލީގު ފަހު މެޗުގައި ޗެލްސީ ނުކުންނަން ޖެހޭނީ ލީގުގެ އެންމެ ފުލުގައި އޮތް ކާޑިފް ސިޓީއާ ދެކޮޅަށެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ މި މެޗު ކުޅޭނީ ކާޑިފް ސިޓީ ސްޓޭޑިއަމްގަ އެވެ.