އޭއެފްސީ ޗެލެންޖް ކަޕަށް ރާއްޖޭގެ ގައުމީ ޓީމު ތައްޔާރުވުމުގެ ގޮތުން ލަންކާގެ ގައުމީ ޓީމު ނުވަތަ ލާއޯސްގެ ގައުމީ ޓީމާ އެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ހަމަޖެއްސުމަށް ޓަކައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހުމަދު ރޭ ލަންކާ އަށް ފުރައިވަޑައިގެންފި އެވެ.

އިލްހާމް މި ދަތުރުގައި ސްރީލަންކާގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައިސްއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. ސީޝެލްސް ގައުމީ ޓީމުން ރާއްޖެ އާއި އެކު މެޗެއް ކުޅުމަށް ހަމަޖެހުނު ނަމަވެސް އެ ޓީމުން މިހާރު ވަނީ މި ވަގުތު ކަންތައްތައް ހުރިގޮތުން އާދެވެން ނެތްކަން އަންގާފައިވާ ކަމަށް އެފްއޭއެމްއިން ނެރުނު ބަޔާނެއްގައިވެ އެވެ.

"އަޅުގަނޑު މިހިރީ ގައުމީ ޓީމު މި މުބާރާތަށް ތައްޔާރުވުމަށް ޓަކައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭން. ފުޓްބޯޅަ އަކީ އަޅުގަނޑުމެން އެންމެން ލޭކައްކުވާލާ ކުޅިވަރު. އަޅުގަނޑު މި ވަގުތު ވެސް އިލްތިމާސް ކުރަން ދިވެހި ސަޕޯޓަރުންގެ ފުރިހަމަ އިތުބާރާއި އެއްބާރުލުން ގައުމީޓީމަށް ދެއްވުމަށް. މިއީ ހަމައެކަނި ކުޅިވަރުގެ ކަމެއް ނޫން މިއީ ގައުމީ ކަމެއް،" އިލްހާމް ފުރާވަޑައިގަތުމުގެ ކުރިން ވިދާޅުވި އެވެ.

ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ތައިލެންޑަށް ކުރި ދަތުރު ނިންމާލުމަށް ފަހު، މިއަދު މާލެ އަންނާނެ އެވެ. ތައިލެންޑުގައި ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން މޮޅުވި އިރު، ފަހު ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.