05 May 2014, 15:45
މާލެސިޓީ ކައުންސިލުގެ ކޮމެޓީ ބައްދަލުވުންތަކުގައި ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސާޖިދު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަމްނޫން ބައިވެރިވެވަޑައި ނުގަންނަވަން ނިންމައިވައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަނުން ޕީޕީއެމް އަށް ނިސްބަތްވެވަޑައިގެންނަވާ އެ ދެ ކައުންސިލަރުން ވެސް މިއަދު ވިދާޅުވީ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ކޮމެޓީތަކުގައި ބައިވެރިވެވަޑައިނުގެންނެވުމަށް ނިންމެވުމަށް ފަހު ކޮމެޓީތަކުގައި ބައިވެރިވެވަޑައި ނުގަންނަވާތާ ގާތްގަނޑަކަށް ހަފްތާއެއް ވެފައިވާ ކަމަށެވެ.
ކައުންސިލްގައި ހިމެނޭ ކޮމެޓީގެ މަސައްކަތްތަކުގައި ބައިވެރިނުވުމަށް ނިންމީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާތީ ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ކައުންސިލަރު، ސާޖިދު ވިދާޅުވީ "ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނޫން ގޮތަކަށް" ކޮމެޓީތަކުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
"ކައުންސިލްގެ ކޮންމެ ބައްދަލުވުމަކަށް، ކޮރަޕްޝަން އެކުލެވޭ ގޮތަށް ކޮންމެވެސް ކަމެއް ނިންމުމަށް ފަހު އެޖެންޑާކުރާނެ. [އެހެންވެ] ކައުންސިލްގެ މަސައްކަތްތައް ކުރާ ކޮމެޓީތަކުގައި ބައިވެރިނުވުމަށް ނިންމީ،" ސާޖިދު ވިދާޅުވި އެވެ.
މައްމޫން ވިދާޅުވީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ނިންމާ ނިންމުތަކުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންނުވާ ކަމަށެވެ. ދެ ކައުންސިލަރުން ވެސް ވިދާޅުވީ އެ ބޭފުޅުނަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށާއި އެ ބޭފުޅުންގެ ހިޔާލުތައް ވެސް ބޭނުން ކޮމެޓީތަކުން ވެސް ބޭނުން ނުކުރާ ކަމަށެވެ.
ކައުންސިލްގެ ކޮމެޓީގައި ބައިވެރިވަޑައި ނުގަންނަވަން ނިންމެވި ދެ ކައުންސިލަރު ވެސް ތިން ކޮމެޓީގައި ހިމެނިވަޑައިގަންނަވަ އެވެ.