ސޮނީ ސްޕޯޓްސް އިންޓަ ރިޒޯޓް ޗެމްޕިއަންޝިފްގެ ޒޯން އެކެއްގައި ޝެރަޓަން މޯލްޑިވްސް އަތުން ކޮކޯ ބޮޑުހިތި މޮޅުވެއްޖެ އެވެ.

ޒޯން އެކެއްގައި އިއްޔެ ކުޅުނު މެޗުން ބޮޑުހިތި މޮޅުވީ 4-1 ސެޓުންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ބޮޑުހިތި މެޗު ކާމިޔާބުކުރީ ފުރަތަމަ ސެޓާއި ފަހު ދެ ސެޓު ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ސެޓު ބޮޑުހިތި 25-20 އިން ގެންދިޔަ އިރު، ޝެރަޓަން އިން ދެ ވަނަ ސެޓު ގެންދިޔައީ 26-28 އިންނެވެ. ތިންވަނަ ސެޓް 25-23 އިން ބޮޑުހިތި ގެންދިޔަ އިރު، ފަހު ސެޓު އެ ޓީމުން ގެންދިޔައީ 28-26 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބޮޑުހިތީގެ ޖާޒީ ނަންބަރު 12 ރިއްފަތު ހަމީދު އެވެ.

މި އަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ހަތަރު ޒޯނަކުން 20 ޓިމެއް ބައިވެރިވެފައި ވެއެވެ. ޒޯން އެކެއްގައި ހިމެނެނީ މާލެ އަތޮޅު ދެކުނު ބުރީގެ ޓީމުތަކެވެ. ޒޯނު ދޭއްގައި މާލެ އަތޮޅު އުތުރު ބުރީގެ ޓީމުތައް ހިމެނޭ އިރު، ޒޯން ހަތަރެއްގައި ހިމެނެނީ އަރި އަތޮޅުގެ ޓީމުތަކެވެ. އަދި ޒޯން ފަހެއްގައި ހިމެނެނީ ބ. އަތޮޅަށް ނިސްބަތްވާ ރިސޯޓްތަކުގެ ޓީމުތަކެވެ.

ޒޯން އެކެއްގައި ބައިވެރިވެފައި ވަނީ ޖުމްލަ ހަ ޓީމެކެވެ. ޒޯން ދޭއްގައި ބައިވެރިވެފައި ވަނީ ހަތް ޓީމެކެވެ. އަދި ޒޯން ހަތަރަކުން ތިން ޓީމް ބައިވެރިވެފައި ވާއިރު، ޒޯން ފަހަކުން ހަތަރު ޓީމެއް ބައިވެރިވެފައި ވެއެވެ.