ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (އެމްއެމްއެސް) އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކިކަން ކޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިއްސާރައިގައި ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހެމުގެ އިތުރުން ވައިގަދަވެ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކަނޑު ގަދަވާނެ ކަމަށެވެ.

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް އެހެން ސަރަހައްދު ތަކަށް ވުރެ ވައި މަޑުވާނެ ކަމަށާއި އެހެން ނަމަވެސް ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބުންޏެވެ. އެގޮތުން އުތުރުގެ އަތޮޅުތަކުގައި 15 މޭލާގެ ބާރުމިނެއްގައި ވައި ޖެހޭ އިރު، ކޮޅިގަނޑުގައި 45 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެ އެވެ.

އިރު ދެކުނާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް 15 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް އެމްއެމް އެސް އިން ލަފާކުރެ އެވެ.

މުޅި ރާއްޖޭގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެންމެން ވެސް އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިރުޝާދުދީފަ އެވެ.