28 Dec 2010, 16:51
މެންބަރުންނަށް ފުޅާ ދާއިރާއެއްގައި އިމްތިޔާޒުތަކެއް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ އެ ބިލަށް މެންބަރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާ އެކު އެ ބިލު ފާސްކުރަން ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ ތެރެއިން ބިލު ފާސްކުރުމަށް ވޯޓު ދެއްވީ 44 މެންބަރުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 21 މެންބަރުން ވޯޓު ދެއްވި އެވެ.
އެ ބިލުން މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި ނުވަތަ ޖަލްސާއަށް ހާޒިރު ވަނިކޮށް އަދި އެފަދަ ތަނަކުން އެނބުރި ރުޖޫއަވަނިކޮށް އެއްވެސް މައްސަލައެއްގައި މެންބަރަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ނަމަ އެފަދަ ހާލަތުގައި އެ މެންބަރަކު ޗެކްކޮށް ބަލައި ފާސްކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހުއްދަ ލިބިގެން ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި މުސާރައިގެ 30 ޕަސެންޓް، ދެ ދައުރަށް 45 ޕަސެންޓް ތިން ދައުރު ހަމަކުރާ މެންބަރަކަށް މުސާރައިގެ 60 ޕަސެންޓް މާލީ އިނާޔަތުގެ ގޮތުގައި ދއުލަތުން ދޭން ޖެހޭނެ ކަމަށް ވެސް މިބިލުގައި ބުނެފައިވެ އެވެ. މީގެ އިތުރުން މަޖިލީހުގެ ކޮންމެ މެންބަރަކަށް ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެއް ކާރު ޑިއުޓީ ފްރީކޮށް ރާއްޖެ ގެނައުމުގެ ފުރުސަތު ދައުލަތުން ދޭންވާނެ ކަމަށާއި، އެ ގޮތުން ގެންނަ ކާރެއް ވިއްކާލާ މީހަކަށް ދީފިނަމަ އެކާރެއް ގެނައުމަށް ދައުލަތަށް ދައްކަން ޖެހޭ ޑިއުޓީ ދައްކަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް ގުދުރަތީ ސަބަބަކާ ހުރެ ކާރު ބޭނުން ނުކުރެވޭގޮތެއް ދިމާވެއްޖެ ނަމަ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އިތުރު ކާރެއް ގެނެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. މީގެ އިތުރުން ބިލުގައި، މެންބަރުންގެ އިމްތިޔާޒުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތަކަށް އަރައިގަންނަ ފަރާތްތަކަށް ކަނޑައެޅޭ އަދަބުތައް ވެސް މި ބިލުގައި ކަނޑައަޅާފައިވެ އެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ،
އިމްތިޔާޒުގެ މާނަ ދުނިޔޭގެ ހުރިހާ ނިޒާމުތަކެއްގައި ގަބޫލުކުރާ ގޮތް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތެއް އަދާކުރުމަށް ހުރަސްއެޅޭ ކަންކަމުން މިންޖުވުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަހެއް ނެތުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް މި ބިލުގައި ހިމެނޭ ކަންތައްތަކަށް ބަލާލާއިރު މިއީ މަޖިލީހުން ފާސްކުރަން ލަދުގަންނަވަރުގެ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މެންބަރަކަށް ލިބެން ޖެހޭ ފަސޭހަތަކާއި ފައިދާތަކާއި އިނާޔަތްތަކާއި އެހެންގޮސް ޕެންޝަނާއި އެމީހާ ޖަލްސާގައި އިށީންނަން ޖެހޭ ތަރުތީބާއި ޕާސްޕޯޓާއި އަނބިދަރިންގެ މެޑިކަލް އިންޝުއަރެންސާއި ކަންތައްތައް ހިމެނުމަކީ އިމްތިޔާޒުގެ ގާނޫނެއްގައި ހިމެނުމަށް ތަންކޮޅެއް ބޮޑުވަރު. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މުއައްސަސާ ވަރުގަދަ ކުރުމަށްޓަކައި މަޖިލީހުގެ ގާނޫނީ ހައިސިއްޔަތު ހަރުދަނާ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި މަޖިލިސް ބާރުވެރި ކުރުވުމަކީ މުހިއްމު ކަމެއް. ނަމަވެސް މިބިލު މިގޮތަށް ފާސްކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މެންބަރެއްގެ މައްޗަށް ޖިނާއީ ގާނޫނު ހިންގުން ފަސްކުރެވިދާނެ ކަންކަން މި ބިލުގައި އެބަހުރި ކަމަށެވެ. ނަމަވެސް ޖިނާއީ ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށާއި، ޖިނާއީ ކުށެއްގެ ތުހުމަތުގައި އާއްމު ތަނެއްގައި މެންބަރެއްގެ ގައިގައި އަތްލަންޖެހި ބަލައި ފާސްކުރަން ޖެހޭނީ ވެސް މަޖިލީހުގެ ރައީސްގެ ހުއްދަ ލިބިގެން ކަމަށް މި ގާނޫނުގައި އޮތުމަކީ އެ ހަމަހަމަކަން ނެތިގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައުމީ ޔުނިވަރުސިޓީގެ ބިލާއި މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ބިލާއި ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލާއި، ދިވެހި ބަސް ހިމާޔަތް ކުރުމުގެ ބިލު ވަނީ ފާސްކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާ ލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި، މިއަދަކީ އެންމެ ގިނަ އަދަދެއްގެބިލް މަޖިލީހުން ފާސްކުރެވިގެންދިޔަ ދުވަސްކަމަށެވެ. އެކަމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް މަރްހަބާ ދަންނަވާ ކަމަށް ވެސް ޝާޙިދު ވިދާޅުވި އެވެ.