05 May 2014, 14:00
ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޝަރުއީ ކޯޓުތަކުގައި މަސައްކަތް ކުރުމަށް ޝަރުތުތައް ފުރިހަމަވާ 39 ބޭފުޅަކު މިއަދު ގާނޫނީ ވަކީލު ކަމުގެ ހުވާކުރައްވައިފި އެވެ.
އެ ބޭފުޅުން ހުވާކުރެއްވުން އޮތީ އެކަމަށް ޓަކައި މިއަދު ކަސްޓަމްސްގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ޝަރުއީ ދާއިރާ އަށް އަލަށް ގުޅިވަޑައިގަތް ގާނޫނީ ވަކީލުންނަށް ހުވާ ލައްވައިދެއްވީ ރާއްޖޭގެ ސިވިލް ކޯޓުގެ ގާޒީ ހުސައިން މަޒީދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ މަސައްކަތުގެ ދާއިރާގައި ހުރިހާ ގާނޫނީ ވަކީލުން ވެސް ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ކުރިމަތީގައި ޝަރުއީ ދާއިރާއަކީ އިތުބާރުހިފޭ ފަންނެއްގެ ގޮތުގައި ދެމެހެއްޓުމަށް ހުރިހާ ގާނޫނީ ވަކީލުން ވެސް މަސައްކަތް ކުރުމަށް އޭޖީ އެދިވަޑައިގެންނެވި އެވެ.
"އެކިއެކި ގޮންޖެހުންތަކާ އެކު ވެސް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި އިސްލާމް ދީނަށާއި ދިވެހި ރާއްޖޭގެ ގާނޫނުތަކާ ގަވާއިދުތަކަށާއި ޝަރުއީ އުސޫލުތަކަށާއި ދިވެހި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ތިޔަ ކުރެއްވި ހުވާގައި ދެމިތިބުމަށް ހުރިހާ ވަކީލުންގެ ފަރާތުން އެދެން." އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
އޭގެ އިތުރުން ޝަރުއީ ދާއިރާއަކީ ރާއްޖޭގައި އަދި އެހާބޮޑަށް ފެތުރިފައިނުވާ ދާއިރާއެއް ކަމަށްވާ އިރު، އަތޮޅުތަކުގައި އެކިއެކި ދާއިރާތަކުން ހިދުމަތް ލިބެން ހުރި އިރު ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އަތޮޅުތަކުގައި ގިނަ ހިސާބުތަކުގައި ދަތިވެފައިވާކަން އޭޖީ ފާހަގަކުރެއްވި އެވެ. އެހެންކަމުން އެކަންކަން ހައްލުކުރުމަށް ގާނޫނީ ވަކީލުން ރަށްރަށުގައި ވެސް މަސައްކަތްތަކެއް ފައްޓަވައި ދެއްވުމަށް ވެސް އޭޖީ އެދިވަޑައިގެންނެވި އެވެ.
އެޓާނީ ޖެނެރަލްގެ ކުރިފުޅު މަތީގައި މިއަދު 39 ގާނޫނީ ވަކީލުން ހުވާކުރި އިރު މިހާރު ވެސް ރާއްޖޭގައި 750 އަށް ވުރެ ގިނަ ގާނޫނީ ވަކީލުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ލަފާކުރެވޭކަމަށް އޭޖީ ވިދާޅުވި އެވެ.