ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ތިނަދުއަށް ދަތުރުކުރި ދޯންޏެއްގެ ބަނޑުފިލާ ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނިން ދަތުރު ކުރި ދިވެއްސަކާއި ބިދޭސީއެއް ކަމަށެވެ. އެ ދެ މީހުން ވެސް މިހާރު ސަލާމަތްކޮށްފައިވާ ކަމަށާއި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ދޯންޏެއް އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ދޯނި އޮތް ސަރަހައްދަށް ދިޔައިރު، އެ ދޯނީގެ ބަނޑުފިލައިން ބޮޑުބައެއް ފަޅައިގެން ގޮސް، ފެން ބޮޑުވެސް ދޯނި އެއްކޮަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ދޯނީގެ ބަނޑުފިލާ ފަޅައިގެންދިޔައީ ގައްދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ ނޯޓިކަލް މޭލު ބޭރުން އެ ދޯނި ދަތުރުކުރަމުން ދަނިކޮށް، ޖެހި ރާޅަކާއެކުގަ އެވެ.

އެ ހާދިސާގައި ދޯނި އަޑިއަށް ދިޔައިރު ދޯނީގެ ގެގަނޑު ވަކިވެގެން އޮޔާ ގޮސް، ގދ. ރާޅެއޮޑެއްގަލާ ނަމަކަށް ކިޔާ ފަރަކަށް މިހާރު ވަނީ ލައްގާފަ އެވެ.