05 May 2014, 12:55
ދެ ޕޭޓަންޓް އަކާ ހިލާފު ވެފައި ވާ ކަމަށް ސާބިތުވެ، އެޕަލް އަށް 119.6 މިލިއަން ޑޮލަރު ދެއްކުމަށް، އެމެރިކާގެ ކޯޓަކުން ސެމްސަންގް ގެ މައްޗަށް ހުކުމް ކޮށްފި އެވެ.
އެމެރިކާގެ އެޕަލް އާއި ސައުތު ކޮރެއާގެ ސެމްސަންގް ގެ މެދުގައި ހިނގަމުންދާ ގާނޫނީ ކޯޅުންގަނޑުގައި މި ހުކުމް އިއްވާފައިވަނީ އެމެރިކާގެ ކެލިފޯނިއާގެ ކޯޓަކުން މިދިޔަ ހުކުރު ދުވަހު އެވެ. ތިން ދުވަސް ވަންދެން ޖޫރީގެ މެދުގައި މަޝްވަރާކޮށް ވިސްނުމަށް ފަހު އިއްވި ހުކުމުގައި އެޕަލް އިން ސެމްސަންގް ގެ ޕޭޓަންޓް ތަކަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެޕަލް އިން ސެމްސަންގް އަށް 158،000 ޑޮލަރު ދައްކަން ވެސް ވަނީ އަމުރު ކޮށްފައެވެ.
އެޕަލްގެ “ސްލައިޑް ޓު އަންލޮކް” ފަރުމާ އާއި އަދި އެހެން 5 ފަރުމާ އެއްގެ ޕޭޓަންޓް އާ ސެމްސަންގް އިން ހިލާފުވެފައިވާ ކަމަށް ބުނެ އެޕަލް އިން ހުށެހެޅި މި މައްސަލައިގައި ބަދަލުގެ ގޮތުގައި 2.2 ބިލިއަން ޑޮލަރު ހޯދުމަށް އެޕަލް އިން ވަނީ މަސައްކަތް ކޮށްފައެވެ.
ޖަވާބެއްގެ ގޮތުގައި ސެމަސަންގް އިން ވަނީ އެ ކުންފުނީގެ ސްމާޓްފޯން ތަކުގައިވާ ކެމެރާގެ ބައެއް ޓެކްނޮލޮޖީ އާއި ފަރުމާތައް އެޕަލް އިން ނަކަލުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އޭގެ ބަދަލުގައި 6 މިލިއަން ދޮލަރު ހޯދުމަށްވެސް ސެމްސަންގް އިން ވަނީ އަނބުރާ ދައުވާކޮށްފައެވެ.
“މިއީ އާދައިގެ ހުކުމަކަށް ވުރެ ބޮޑު ހުކުމެއް. އެކަމަކު މިއީ އެޕަލް އަށް ލިބުނު މާ ބޮޑު ކާމިޔާމީއެއް ކަމަކަށް ނުބެލެވޭނެ،” އެމެރިކާގެ ސެންޓާ ކްލާރާ ޔުނިވާސިޓީގެ ގާނޫނީ ޕްރޮފެސަރ އެއް ކަމަށްވާ ބްރަޔަން ލަވް ބުންޏެވެ.
“މިއީ އެޕަލް އިން އެދުނު ބަދަލުގެ 10 އިންސައްތައަށް ވުރެ ވެސް ކުޑަ އަދަދެއް. އެޕަލް އިން މި މައްސަލައިގައި ވަކާލާތު ކުރަން ކުރި ހަރަދަށް ބަލާ އިރު މާ ބޮޑުތަނެއް ބޮޑެއް ވެސް ނުވާނެ،” ޕްރޮފްސަރ ބްރަޔަން ބުންޏެވެ.
މި ދެ ކުންފުނީގެ ޕޭޓަންޓްތައް ރައްކާތެރި ކުރުމަށްޓަކައި އެކި ގައުމުގެ ކޯޓުތަކުގައި ހަނގުރާމަ ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް މިއީ ސްމާޓްފޯން އުފައްދާ އެންމެ ބޮޑު ދެ ކުންފުނީގެ މެދުގައި، އިންޓަލެކްޗުއަލް ޕްރޮޕަޓީ، ނުވަތަ ފިކުރީ މުދަލާ މެދު މިހާތަނަސް ހިނގާފައިވާ އެންމެ ބޮޑު ގާނޫނީ ހަނގުރާމައެވެ.
މީގެ ދެ އަހަރެއް ކުރިން ސެމްސަންގް އިން އެޕަލް ގެ ފަރުމާތައް ބޭނުންކޮށްފައިވާ ކަމަށް ސާބިތުވެ އެމެރިކާގެ ކޯޓަކުން ވަނީ ސެމްސަންގް އިން އެޕަލް އަށް 930 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ހުކުމްކޮށްފައެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފު ކުރުމުން، މައްސަލަ ނިމެންދެން ސެމްސަންގް އަށް ފައިސާ ދައްކަން ނުޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. މި މައްސަލައިގައި އަދިވެސް ދަނީ ކޯޓުގައި ވަކާލާތު ކުރެވެމުންނެވެ.