05 May 2014, 12:28
ހައްޖު ކޯޕަރޭޝަން މެދުވެރިވެގެން މިއަހަރުގެ ރަމަޟާން މަހު އުމުރާއަށް ދާން ނަން ނޯޓް ކުރި މީހުންގެ ފައިސާ ބަލައިގަތުން މި ހަފްތާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އުމުރާއަށް ދިއުމަށް ބޭނުންވާ މީހުން ނަން ނޯޓުކުރުމަށް މިދިޔަ މާޗް މަހުގެ 20 އިން މިދިޔަ މަހުގެ 10 ގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި 38 މީހަކު ނަން ނޯޓު ކޮށްފައިވާ ކަމަށެވެ.
ނަންނޯޓް ކުރި މީހުންގެ ފައިސާ ބަލައިގަތުން މިދިޔަ މަހުގެ 23 ގައި ފަށާފައިވާއިރު، އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް، ހައްޖު ކޯޕަރޭޝަންގެ އޮފީހުން ފައިސާ ބަލައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން މިއަހަރު ރަމަޟާން މަހު އުމުރާއަށް 50 މީހުން ގެންދަން ނިންމާފައިވާއިރު މިއަހަރު އުމުރާއަށް ދިއުމަށް ނަންނޯޓުކުރި މީހުންނާއި އެކު އެހީތެރިންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހަ އެހީތެރިން ވެސް ދާނެ އެވެ.
މިއަހަރު އުމުރާ އަށްދާ މީހެއްގެ އަތުން އެ ކޯޕަރޭޝަނުން ނަގަނީ 34،850ރ. އެވެ.
ޔާމީން ވިދާޅުވީ، ނަންނޯޓު ކުރުން މިދިޔަ މަހު ހަމަވެފައި ވީނަމަވެސް، ވެއިޓިން ލިސްޓުގައި މަޑުކުރަން އެދޭ މީހުން މިހާރުވެސް ނަން ނޯޓު ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، ވެއިޓިން ލިސްޓުގައި މަޑުކުރާ މީހުންނަށް ފުރުސަތު ލިބިގެންދާނީ ނަންނޯޓު ކުރި ތަރުތީބުން ކަމަށެވެ.
"އަޅުނގަޑުމެން މިހާރުވެސް ނަން ނޯޓުކުރަން އެބަ. އެއީ މިހާރު ނަން ނޯޓު ކުރި މީހުންގެ ތެރޭގައި ހަމަ ނަން އަނބުރާ ގެންދާ މީހުންވެސް ތިބެދާނެ. އެގޮތަށް އެބަހުރި ވެފަ ވެސް. ފަހުން ނަންނޯޓު ކުރާ މީހުން ނަގާނީ އެފަދަ މީހުންގެ ރިޕްލޭސް އަށް،" ޔާމީން ވިދާޅުވި އެވެ.
އުމުރާގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ދާ މީހުން ފުރާނީ އަންނަ ޖުލައި މަހުގެ 14 ގަ އެވެ. އަދި އުމުރާއިން އެނބުރި އެމީހުން އަންނާނީ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ.