05 May 2014, 12:16
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ޢަބުދުﷲ ބިން ޢަބުދުލް ޢަޒީޒު އާލް ސަޢުދާ ވާހަކަ ދައްކަން ބޭނުންވާ އެގައުމުގެ ރައްޔިތުންނަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ފިއެވެ.
ސައުދީ ގެޒެޓް ނޫހުން ބުނީ ސީދާ ރަސްފެނާނަށް މެސެޖު ކުރާނެ ވެބްސައިޓެއް ރަސްކަމުގެ ދަރުބާރުން ތައާރަފްކޮށްފައިވާ ކަމަށެވެ. "ތަވާސުލް" (ކޮމިއުނިކޭޝަން)ގެ ނަން ދީފައިވާ އެ ވެބްސައިޓް މިދިޔަ ބުދަ ދުވަހު ލޯންޗްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ވެބްސައިޓް އަދި ވަނީ ތަޖުރިބާ ކުރުމުގެ މަރުހަލާގައި ކަމަށް ވެސް އެނޫސް ބުންޏެވެ. ވެބްސައިޓް ލޯންޗްކޮށްދެއްވީ ރަސްކަމުގެ ދަރުބާރުގެ ޗީފް ޚާލިދު އަލް ތުވައިޖިރީ އެވެ.
ވެބްސައިޓްގައިވާ ލިއުންކޮޅުގައި ވަނީ "ސަރުކާރުގެ އެޖެންސީތަކުން ރައްޔިތުންނަށްދޭ ހިދުމަތްތަކުގައި ކުރިމަތިވާ ދަތިތަކާ ބެހޭ މައުލޫމާތު ރަސްގެފާނަށް ދެވޭނެ" ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަން އެގައުމުގެ ރަސްކަމުގެ ފަރާތުން ފަހަކަށް އައިސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ރަސްގެފާނު އަބުދުﷲ ތަހުތަށް ވަޑައިގެންނެވިތާ ނުވަ އަހަރުން ފުރުން ފާހަގަ ކުރުމަށް ވެސް އެފަދަ ބައެއް ހަރަކާތްތައް ވަނީ ހިންގާފަ އެވެ. ރަސްގެފާނު އަބުދުﷲގެ ވެރިކަމަށް ނުވަ އަހަރު ފުރުނީ މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު އެވެ.