އިންޑިއާގައި ހުރި ދެ އެމްބަސީއަކަށް ހަމަލާދޭން ދިވެހިން ފޮނުވަން ރޭވި ކަމަށް އިންޑިއާގެ ސެކިއުރިޓީ އެޖެންސީތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން މިއަދު ބުނެފި އެވެ.

އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ އިންޑިއާގައި ހުރި އެމެރިކާ އާއި އިސްރާއީލްގެ ކޮންސިއުލޭޓްތަކަކަށް ހަމަލާދޭން ދެ ދިވެހިން ފޮނުވަން ޕާކިސްތާނުގެ އިންޓެލިޖެންސް އެޖެންސީ (އައިއެސްއައި) އިން ރޭވި ކަމަށް ތަހުގީގުގައި މީހަކު ބުނި ކަމަށެވެ. އެހެން ބުނީ އިންޑިއާގެ ޗެންނާއީ އިން ހައްޔަރުކުރި ޝާކިރު ހުސައިން ނަމަކަށް ކިޔާ ސްރީލަންކާގެ ރައްޔިތެއް ކަމަށް ވެސް އެނޫހުން ބުންޏެވެ. ނަމަވެސް އެމައުލޫމާތު ދިން ސެކިއުރިޓީ އޮފިޝަލުންގެ މައުލޫމާތު ނޫހުގައި ހާމަކޮށްފައެއް ނުވެ އެވެ.

ތަހުގީގުގައި ހުސައިން ބުނި ކަމަށް، ސެކިއުރިޓީ އެޖެންސީތަކާ ހަވާލާދީ ނޫހުގައި ވަނީ ޗެންނާއީ އަށް ދެދިވެހިން ފޮނުވުމަށް ރާވައި އެމީހުންގެ ދަތުރަށް ބޭނުންވާނޭ ލިޔެކިއުންތައް އައިއެސްއައި އިން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެމީހުން ޗެންނާއީގައި ފިލައިގެން އުޅެވޭނެ އިންތިޒާމުތައް ވެސް އެ އިދާރާ އިން ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ބުނީ އައިއެސްއެސް އިން ރާވާފައި ވަނީ ޗެންނާއީގައިވާ އެމެރިކާގެ ކޮންސިއުލޭޓަށާއި ބެންގަލޫރުގައިވާ އިސްރާއީލްގެ ކޮންސިއުލޭޓަށް ހަމަލާދޭން ކަމަށެވެ.

ހައްޔަރުކޮށްފައި ހުރި ހުސައިން އަކީ ވެސް އައިއެސްއެސްގެ އެ ޕްލޭންގެ ދަށުން މަސައްކަތް ކުރުމަށް ކުއްޔަށް ހިފާފައިވާ މީހެއް ކަމަށް ވެސް އިންޑިއާ އޮފިޝަލުން ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުގައި އެމެރިކާއި އިސްރާއީލްގެ ކޮންސިއުލޭޓަށް ވަންނަން ހުންނަ ދޮރުތަކާއި އެ ދެތަނަށް ދާން ހުރި މަގުތަކުގެ ފޮޓޯތައް ހުރި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އެފޮޓޯތައް ޑައުންލޯޑްކޮށްފައި ވަނީ ސްރީލަންކާގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަންގައި ކަން ސައިބަ ސިގްނޭޗާތައް ތަހުގީގުކުރުމުން އެނގިފައިވާ ކަމަށެވެ.