ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ އުޅަނދުފަހަރު ރާއްޖެއަށް ތައާރަފު ކުރަން ބާރު އެޅުމުގެ ގޮތުން ވަޒީރުން މަޖިލިސް މަޝްވަރާކޮށް އެކަމަށް ދިރާސާއެއް ކުރެއްވުމަށް ނިންމްވައިފި އެވެ.


ރައީސް އޮފީހުން ބުނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޕެޓްރޯލާއި، ޑީސަލް ފަދަ ފޮސިލް ފިއުލްގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުން ކުރެވޭ އުޅަނދުތައް ރާއްޖެއަށް ތައާރަފުކޮށް އެފަދަ އުޅަނދުފަހަރުގެ ޑިއުޓީ ކުޑަކުރުން ނުވަތަ ސަބްސިޑީ ދިނުމަށް ވަޒީރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރުގެ ބަޖެޓަށް ކުރާނެ އަސަރު ދިރާސާ ކުރެއްވުމަށްފަހު، ގޮތެއް ނިންމަން ވަޒީރުންގެ މަޖިލީހުން ހަމަޖައްސަވާފައިވާ ކަމަށެވެ.
ވަޒީރުންގެ މަޝްވަރާތަކުގައި ރާއްޖެ ކާބަން ނިއުޓްރަލްވުމުގެ ސިޔާސަތަށް މީގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް ވަޒީރުން ވަނީ ހިޔާލު ބަދަލުކުރައްވާފަ އެވެ.


އަދި މިފަދަ ބަދަލަކުން ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތަކަށް ބަރޯސާވެފައިވާ މިންވަރު ކުޑަވެ، ރާއްޖެއިން ބޭރުވާ ބޭރު ފައިސާގެ މަދު ކުރެވޭނެ ކަމަށް ވެސް ފާހަގަ ކުރެއްވެވި އެވެ.