05 May 2014, 10:26
ނިއުދިއްލީ (މޭ 5) : އިންޑިޔާގައި ހިނގި ރޭލް އެކްސިޑެންޓެއްގައި 19 މީހުން މަރުވެ 130 އަށް ވުރެ ގިނަމީހުން ޒަޚަމްވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިހާދިސާ ހިނގީ މުންބާއިގެ ދެކުނުން 100 ކިލޯ މީޓަރު ދުރުގައިވާ ރައިގާޑް ސަރަހައްދުން ދަތުރުކުރި ރޭލެއް އޭގެދަނގަނޑުން ކައްސާލުމާ އެކު ރޭލް ފޮރޮޅިގެން ގޮސް އޭގެ ބައިތައް ވަކިވެ ބައެއްބައިތައް ވެއްޓުމާ ގުޅިގެންނެވެ. މިހާދިސާގައި ޒަޚަމްވި މީހުން ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންދެވިފައިވާ އިރު އޭގެ ތެރެއިން ބައެއް މީހުންގެ ޙާލަތު ވަރަށް ގޯސްކަމަށް ޚަބަރުތައް ބުނެ އެވެ.
މި ރޭލް ދަނގަނޑުން ކައްސާލި އިރު ދަތުރު ކުރަމުން ގެންދިޔައީ މުންބާއިގެ ޑައިވާ ސަރަހައްދުން ސަވަންތްވަދީ އަށްކަމަށްވެ އެވެ. އިންޑިޔާގެ ރޭލްވޭ މިނިސްޓަރު މާލިކް އަރުޖުން ވަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދައި މިކަން ތަހްގީގް ކުރަމަށް އަމުރު ކުރައްވާފަ އެވެ. އަދި މަހާރާޝްތްރާގެ ފުލުހުންގެ އިނިސްޕެކްޓަރެއް ކަމަށްވާ ރާމްޗަންދްރާ ކާމްރޭ ވެސް ވަނީ މިހާދިސާ ތަހްގީގް ކުރާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ރޭލްގެ ވެއްޓިފައިވާ ބައިތަކުގެ ދަށުވި މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
އިންޑިޔާއަކީ ރޭލް އެކްސިޑެންޓާއި އެނޫން ވެސް މަގުމަތީގެ އެކްސިޑެންޓްތައް ވަރަށް ގިނަ ގައުމެކެވެ. މިފަދަ ޓްރެފިކް އެކްސިޑެންޓްތައް ގިނަ ވަނީ ރޭލްވޭގެ ސަލާމަތީ ކަންތައްތައް ދޯދިޔާ ވުމާއި ވެހިކަލްތައް ބާވުމުގެ އިތުރުން މަގުތަކުގެ ފެންވަރު ދަށްވެ އިންފްރާސްޓްރަކްޗާ ބަލިކަށިވުމުގެ ސަބަބުން ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)