އެޗްއައިވީ ޖެހިފައިވާ މާބަނޑު މީހުންގެ ފަރާތުން އެމީހުންގެ ދަރިންނަށް މި ވައިރަސް ޖެހުމުން ދުރުކޮށްދިނުމަށް އެކުލަވާލާފައިވާ ގައުމީ ގައިޑްލައިނަށް އަންނަ ބުދަ ދުވަހު އަމަލު ކުރަން ފެށުމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑާ އިން ނިންމައިފި އެވެ.

ތުއްތު ދަރިފުޅަށް އެޗްއައިވީ ޖެހުމުން ރައްކާތެރި ކޮށްދިނުމަށް ހަދާފައިވާ ގައިޑްލައިނުގައިވާ މައިގަނޑު ހަތަރު ބަޔަކީ ދަރިމައިވާ އުމުރުގެ އަންހެނުން އެޗްއައިވީ ޖެހުމުން ރައްކާތެރި ކުރުވުމާއި އެޗްއައިވީ ޖެހިފައިވާ މީހުންގެ ކޮންމެހެން ބޭނުންވެގެން ނޫނީ މާބަނޑުވުމުން ދުރު ކުރުވުމާއި އެޗްއައިވީ ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ގައިޑްލައިނަށް އަމަލު ކުރަން ފެށުމުގެ ކުރިން އެ ގައިޑްލައިނަށް އަހުލުވެރި ކުރުވުމުގެ ގޮތުން އިއްޔެ އިން ފެށިގެން މާދަމާ އާ ހަމައަށް މަސައްކަތު ބައްދަލުވުމެއް ކުރިއަށްދާނެ ކަމަށެވެ.

"މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވާނީ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކުންނާއި އާބާދީ ބޮޑު އަތޮޅުތަކުންނާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭ ހޮސްޕިޓަލާއި ބައެއް ސިއްހީ މަރުކަޒުތަކުން. ޖުމްލަ 31 ބައިވެރިން މި ބައްދަލުވުމުގައި ބައިވެރިވޭ،" ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ގައިޑްލައިނަށް އަމަލު ކުރަން ފެށުމުގެ ގޮތުން ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ފޯން ކޮންފަރެންސްއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މައިމީހާގެ ފަރާތުން ދަރިފުޅަށް ހެޕަޓައިޓިސް ބީ ޖެހުމުން ރައްކާތެރި ކުރުވުމަށް ހަދާފައިވާ ގައިޑްލައިނަކާއި ސްޓޭންޑާޑް އޮޕަރޭޝަން ޕްރޮސީޖާ ގައިޑްލައިނެއް ވެސް މި މަސައްކަތު ބައްދަލުވުމުގައި އަލި އަޅުވާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.