05 May 2014, 09:16
ކާބުލް (މޭ 5) : ގަދަ ވިއްސާރައާ އެކު ކިސަޑު ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އަފްޣާނިސްތާނުގައި 2000 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން އަފްޣާން ސަރުކާރުން ގައުމީ ހިތާމަ އިޢުލާންކޮށްފި އެވެ.
އަފްޣާން ސަރުކާރުން ބުނީ އެގައުމުގެ އިރުއުތުރުގެ ބަދަޚްޝާން ސަރަހައްދުގެ ވިލެޖަކަށް މިދިޔަ ހުކުރު ދުވަހު ކުރިމަތި ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ކާރިސާގައި ދެހާހެއްހާ މީހުން މަރުވެފައިވާކަން ކަށަވަރު ވެފައިވާ އިރު 600 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމުގަ އެވެ. ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމާ އެކު ފޭބި ބޮޑެތި ހިލަތަކާއި ކިސަޑުތަކުގެ ތެރޭގައި ބަދަޚްޝާން ސަރަހައްދުގެ 700 އަށް ވުރެ ގިނަ ގެ ކިސަޑުތަކުގެ އަޑިޔަށް ގޮސްފައިވާ ކަމަށާއި އެގެތަކުގައި އެވަގުތު ތިބި ޢާއިލާތައް ދިރިތިއްބައި ކިސަޑުތަކުގެ އަޑީގައި ވަޅުލެވި އެމީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަފްޣާން ސަރުކާރުން ވަނީ މިއީ މިފަހަކަށް އައިސް ހިނގި މިބާވަތުގެ އެންމެ ނުރައްކާތެރި ކާރިސާ ކަމަށް ސިފަކޮށްފަ އެވެ. އަދި ފާބާފައިވާ ކިސަޑުތަކުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމަށް ކުރިމަތިވި ބޮޑެތި ދަތިތަކާ ގުޅިގެން އެކަން ހުއްޓާލިކަން ވެސް އަފްޣާން ސަރުކާރުން އިއްޔެވަނީ އިޢުލާންކޮށްފަ އެވެ. މިކާރިސާގައި މަރުވި މީހުންގެ ތެރޭގައި ކިސަޑު ފައިބަމުން ދިޔަ އިރު މީހުން ސަލާމަތް ކުރުމަށް މަސައްކަތްކުރި އެތަށް ސަތޭކަ ބަޔަކު ވެސް ހިމެނެ އެވެ.
މިކާރިސާގައި މަރުވި މީހުންގެ މައްޗަށް އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި މިއަދު ޣާއިބުގެ ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަފްޣާން ސަރުކާރުން ބުނެ އެވެ. އަފްޣާނިސްތާނުގެ އިރުއުތުރުގެ ބަދަޚްޝާން ސަރަހައްދަކީ ވަރަށް ފަގީރު ސަރަހައްދެކެވެ.(ރޮއިޓާސް)