04 May 2014, 22:16
މިމަހު 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް އޭގެ މެޗްތަކުގެ ޓިކެޓް ވިއްކާ އަގުތައް ފުޓްބޯލް އެސޯސިއޭޝަން އޮޕް މޯލްޑިވްސް (އެފްއޭއެމް) އިން މިރޭ ހާމަކޮށްފި އެވެ.
އެފްއޭއެމްގެ ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) މިރޭ ސަން އަށް ވިދާޅުވީ، ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް އޭގެ މެޗްތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ޕެކޭޖް އުސޫލުން އެދުވަހެއްގައި ކުޅޭ ދެ މެޗުގެ ޓިކެޓް އެއްކޮށް ކަމަށެވެ. އެއީ ގޮނޑިބަރިން 100ރ. (މެޗަކަށް 50ރ.) އަދި ސިނޑިބަރިން 50ރ. (މެޗަކަށް 25ރ.) އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ ޕެކޭޖް އުސޫލުން. އެއީ ހަވީރު ކުޅޭ މެޗާއި ރޭނގަޑު ކުޅޭމެޗު އެއްކޮށް،" ޖެފޯ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގަލޮޅު ދަނޑުގައި ކުޅޭ މެޗްތަކުގެ ޓިކެޓް ވިއްކަން ފަށާނީ މުބާރާތް ފެށެން ފަސް ވަރަކަށް ދުވަހަށް ވުމުން ކަމަށެވެ.
"ޓިކެޓް ވިއްކާނީ މުބާރާތް ފެށެން ފަސް ވަރަކަށް ދުވަހަށް ވީމަ. މާކުރިން ޓިކެޓް ވިއްކާފިނަމަ އޭނގެ ޑްބުލިކޭޓް ޓިކެޓް ވެސް ހަދާފާނެތީ. އެހެންވެ އެހުރިހާ ކަންކަމަށް ވިސްނާފަ ޓިކެޓް އަދި ވިއްކުން މަޑުޖައްސާލައިގެން މިއުޅެނީ" ޖެފޯ ވިދާޅުވިއެވެ.
ގަލޮޅު ދަނޑުގައި ކުޅޭ ގްރޫޕް އޭގެ މެޗްތަކުގެ ޓިކެޓް ވިއްކާ އަގު އެފްއޭއެމްއިން ހާމަކުރިއިރު، ގްރޫޕް ބީ ފަޅިން އައްޑޫ ސިޓީގައި ކުޅޭ މެޗްތަކުގެ ޓިކެޓުގެ އެއް ވެސް މައުލޫމާތެއް އަދި އެފްއޭއެމްއިން ހާމަކޮށްފައެއް ނުވެއެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ބާއްދަލުކުރާ ދެޓީމަކީ ރާއްޖެ އާއި މިޔަންމާއެވެ. އަދި އެދުވަހުގެ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ފަލަސްތީނާއި ކިޒްކިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނިކުންނާނީ، ކިޒްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2004 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.
މިމުބާރާތުގައި އައްޑޫ ސިޓީގެ ޒޯން ސްޓޭޑިއަމް ގައި ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް ބީ ފަޅީގައި ހިމެނޭ ޓީމް ތަކަކީ ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ފަހު، ދެން މި މުބާރާތް އިތުރަށް ކުރިއަށް ނުގެންދަން އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.