ހައްޖު ކޯޕަރޭޝަން މެދުވެރިވެގެން މިއަހަރު ހައްޖަށްދާ މީހުންގެ އެހީތެރިންގެ ގޮތުގައި ހައްޖަށް ދިއުމުގެ ފުރުސަތު ހަތް ފުލުހަކަށް ދީފި އެވެ.

ހައްޖު ކޯޕަރޭޝަން މެދުވެރިވެގެން ހައްޖައްދާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކަނޑައަޅާ ވަކި އަދަދަކަށް ފުލުހުން ހައްޖަށް ގެންދިއުމާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން މިއަދު ވަނީ ފުލުހުންނާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ.

ޝަހީދު ހުސައި އާދަމް ބިލްޑިންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިއަހަރު ހަތް ފުލުހަކަށް ހައްޖާޖީންގެ އެހީތެރިންގެ ގޮތުގައި ހައްޖަށް ދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ދިންނަމަވެސް، ކޮންމެ އަހަރަކު އެ ކޯޕަރޭޝަނުން ކަނޑައަޅާ އަދަދަކަށް ހައްޖުގެ ކަންތައްތަކުގައި އެހީތެރިވެދިނުމަށް ފުލުހުން ފޮނުވައިދޭން ޖެހޭނެ ކަމަށް އެ އެއްބަސްވުމުގައި ވެއެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަދު ހައްޖަށް ދިއުމުގެ ފުރުސަތު ހަތް ފުލުހަކަށް ދީފައިވާއިރު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސިފައިންގެ ހަތް މީހަކަށް ވެސް ހައްޖައް ދިއުމުގެ ފުރުސަތު ވަނީ އެ ކޯޕަރޭޝަނުން ދީފަ އެވެ. އަދި އެ ހުރިހާ ފަރާތްތަކެއްގެ ދަތުރުފަތުރާއި ތިބުމުގެ ޚަރަދު ފަދަ ކަންކަން ހަމަޖައްސައިދޭނީ ހައްޖު ކޯޕަރޭޝަނުނެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް މިއަދު ވިދާޅުވީ، މިއަހަރު ފުލުހުންނާއި ސިފައިންގެ ތެރެއިން ޖުމްލަ 14 އޮފިސަރަކު ހައްޖާޖީންގެ އެހީތެރިންގެ ގޮތުގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދާއިރު، ހައްޖާޖީންގެ ސިއްހީ ކަންކަން ބެލެހެއްޓުމަށް ކޮންމެ މުއައްސަސާއަކުންވެސް އެއް މެޑިކަލް އޮފިސަރަކު ދާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން މިއަހަރު 400 ހައްޖާޖީން ހައްޖައް ގެންދާއިރު، ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުރާނެ އެވެ.