04 May 2014, 17:19
ގާހިރާ (މޭ 4) : މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީއަށް ތާއީދުކުރާ މީހުންގެ ތެރެއިން 102 މީހުން މައްޗަށް ކޮށްފައިވާ ގިނަ ތުހުމަތުތަކެއް ސާބިތުވުމާ ގުޅިގެން އެ 102 މީހުން 10 އަހަރަށް ޖަލަށް ލުމަށް މިސްރުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.
މިސްރުގެ ދައުލަތުން މި 102 މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ގަވައިދާ ޚިލާފަށް މުޒާހަރާކުރުމާއި ދައުލަތާއި އާންމުންގެ ތަކެއްޗަށާއި މުދަލަށް ގަސްދުގައި ގެއްލުން ދިނުމާއި މީހުންނަށް ބިރުދެއްކުމާއި ލައިސަންސްނެތި ހަތިޔާރު ގެންގުޅުމާއި ދައުލަތުގެ ޢިމާރާތްތައް ހަލާކުކުރުމުގެ އިތުރުން މީހުން މެރުމުގެ ޖަރީމާތަކުގައި ބައިވެރިވުމުގެ ތުހުމަތު ވެސް ހިމެނެ އެވެ. މީގެ އިތުރުން ގާހިރާގެ ރެމްސީސް ސަރަހައްދުގައި މިދޔަ ޖުލައި މަހު ސަރުކާރާ ދެކޮޅަށް ކުރި ޣައިރުގާނޫނީ މުޒާހަރާއެއްގައި ބައިވެރިވުމުގެ ކުށުގައި މުރުސީ އަށް ތާއީދުކުރާ އިތުރު ދެމީހަކު ހަތް އަހަރަށް ޖަލަށް ލުމަށް ވެސް މިސްރުގެ ޖިނާއީ ކޯޓުން އިއްޔެ ހުކުމް ކޮށްފައިވެ އެވެ.
މި ދެމީހުންނާއި އަދި 10 އަހަރަށް ހުކުމްކުރި 102 މީހުން ވެސް ވަނީ މިތުހުމަތުތަކަށް އިންކާރުކޮށް މިއީ ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. ނަމަވެސް މިތުހުމަތުތައް ސާބިތުވާ ކަމަށްބުނެ މިސްރުގެ ޖިނާއީ ކޯޓުން ބުނެ އެވެ. ޑރ. މުހައްމަދު މުރުސީ އަށް ތާއީދުކޮށް ޢަސްކަރީ އިންގިލާބާ ދެކޮޅަށް މިސްރުގައި މުޒާހަރާތައް ކުރަމުންގެންދާ މީހުން ބުނާ ގޮތުން އެމީހުން އަބަދުވެސް ކުރަމުން ގެންދަނީ ސުލްޙަވެރި މުޒާހަރާތަކެކެވެ. މުޒާހަރާތަކުގައި ހަރުކަށި ޢަމަލުތައް ހިންގަނީ މުޒާހަރާތަކުގެ ތެރެއަށް ވަންނަމުންދާ މިސްރުގެ ވަގުތީ ސަރުކާރަށް ތާއީދުކުރާ އެޖެންޓުންނެވެ. މިކަމުގެ ބޭނުމަކީ މުޒާހަރާތަކުގައި ހަރުކަށި އަމަލުތައް ހިންގާކަމަށް ބުނެ މުޒާހަރާތައް ރޫޅާލުމަށާ މުޒާހަރާގެ ބައިވެރިންގެ މައްޗަށް ޝަރީޢަތް ހިންގުމަށް މަގުފަހި ކުރުމެވެ.
ޑރ. މުރުސީއަށް ތާއީދުކުރާ މީހުންނާއި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވާ މީހުން ހިމެނޭގޮތަށް 683 މީހުންގެމައްޗަށް މަރުގެ ހުކުމް އިއްވުމުގެ ގޮތުން މިސްރުގެ މުފްތީގެ ލަފާހޯދުމަށް އެގައުމުގެ ޖިނާއީ ކޯޓަކުން ވެސް މިދިޔަ ހަފްތާގައި ވަނީ ނިންމާފަ އެވެ. މި 683 މީހުންގެ މައްޗަށް މިސްރުގެ ދައުލަތުން ކޮށްފައިވާ ތުހުމަތަކީމިންޔާ ގަވަނޭޓްގައި މިދިޔަ އަހަރު ކުރި މުޒާހަރާތަކެއްގައި ހަމަނުޖެހުންއުފެއްދުމާއި އެހަމަނުޖެހުންތަކުގައި ބައެއް މީހުން މަރާލާފައިވާ ކަމުގެތުހުމަތެވެ.މިތުހުމަތުތައް ކުރެވިފައިވާ 683 މީހުންގެ ތެރޭގައި މިންޔާގައިކުރި މުޒާހަރާތަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެސަބަބުން މަރުވެފައިވާ މީހުން ވެސް ހިމެނޭ ކަމަށް ވެއެވެ.
މިންޔާގެ ޖިނާއީ ކޯޓުން މިދިޔަ ހަފްތާގައި ހުކުމްކޮށްފައި ވަނީމިމައްސަލާގައި މި 683 މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމުގެ ކުރިންމިސްރުގެ ދީނީ ފަތުވާދޭ އެންމެ އިސްފަރާތް ކަމަށް މުފްތީގެ ލަފައެއްހޯދުމަށެވެ. ނަމަވެސް މުފްތީގެ ލަފައަކީ އެއާ އެއްގޮތަށް އަމަލުކުރުން ލާޒިމު ލަފައެއް ނޫން ކަމަށް އެކޯޓުގެ ހުކުމް ބުނެފައި ވާތީ މިހުކުމަކީ އެމީހުންނަށް މަރުގެ އަދަބުދިނުމުގެ ހުކުމް ކަމަށް ވަނީބެލެވިފަ އެވެ. މިސްރުގެ މުފްތީގެ ލަފައަށް ފަހު މަރުގެ ހުކުމް އިއްވާނެކަމަށް ބެލެވިފައިވާ މި 683 މީހުންގެ ތެރޭގައި އިޚްވާނުލްމުސްލިމޫންޖަމާއަތުގެ ވެރިޔާ ޑރ. މުހައްމަދު ބަދީޢު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާއަކީއުމުރުން 70 އަހަރުގެ ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)