19:00


އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން މިދިޔަ ޑިސެމްބަރު މަހު ފާސްކުރި ފާސްކުރުމާ އެއްގޮތަށް 7.8 މިލިއަން ޑޮލަރުގެ ލޯނު އެހީ ރާއްޖެ އަށް ދިނުމަށް އެ އިދާރާ އިން ނިންމައިފި އެވެ.


ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް 86.89 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެ އަށް ދިނުމަށް އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ފާސްކުރީ ހުސްވި ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އައިއެމްއެފުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސްޓޭންޑް ބައި އެއްބަސްވުމެއްގެ ދަށުން ރާއްޖެ އަށް ދޭ ލޯނު އެހީގެ ތެރޭގައި ހިމެނެނީ، ތިން އަހަރު ދުވަހުގެ ތެރޭގައި ދޭ 74.48 މިލިއަން ޑޮލަރާއި، އަމިއްލަ ބާރު ނުފޯރާ ކަންކަމުން އިގްތިސާދަށް އަރާ ލޮޅުން ކުޑަކުރުމަށް ދެ އަހަރު ދުވަހުގެ ތެރޭގައި ދޭ 12.41 މިލިއަން ޑޮލަރު ކަމަށެވެ.


އިއްޔެ ބޭއްވި އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމަށް ފަހު، އެ އިދާރާ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސްޓޭންޑްބައި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިގްތިސާދީ ހާލަތު ފުރަތަމަ ފަހަރަށް ވަޒަންކޮށްފައިވާ ކަމަށާއި އަދި އިގްތިސާދީ ހާލަތު ވަޒަންކުރުމަށް ފަހު ވަގުތުން 7.8 މިލިއަން ޑޮލަރު ރާއްޖެ އަށް ދޭން ނިންމާފައިވާ ކަމަށެވެ. މި އެހީ ދިނުމުން، އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ދޫކުރެވޭ ޖުމްލަ އަދަދު 15.5 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.


އައިއެމްއެފްގެ ބާޔާނުގައި އަދި ބުނެފައިވަނީ ރާއްޖޭގެ ސަރުކާރުގެ އިދާރާތަކުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު އަންނަނީ ހަމައަކަށް އެޅެމުން ކަމަށާއި ސަރުކާރުގެ ދަރަނި ވަނީ ދަށްކުރެވެން ފަށާފައި ކަމަށެވެ.