ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މާބަނޑު އަންހެނެއްގެ ގައިގަ ސައިކަލުން ޖެއްސި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ރޭ މަހުލޫފު އާއި ސައިކަލެއްގައި ދިޔަ ބަޔަކާ ދެމެދު ބަދަލު ކުރި ބަހުގެ ހަމަލާތަކެއްގައި މީހަކާ ދިމާލަށް މަހުލޫފު އަތް ހޫރުވާލި ވީޑިއޯ އާންމު ކުރުމަށް ފަހު، މާބަނޑު އަންހެނެއްގެ ގައިގައި މަހުލޫފު ޖެއްސެވި ކަމަށް ބުނެ ފެތުރި ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.

އޭނާ ވަނީ މީޑިޔާތަކުގެ ކުރިމަތީ އެކަން ހިނގާދިޔަ ގޮތް ހިއްސާކޮށް އޭނާއާ މެދު ކޮށްފައިވާ ތުހުމަތުތަކީ ދޮގު ތުހްމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.