ފުރަގަސް ފަރާތަށްލައި ފޮރުވައިގެން ގދ. ރަތަފަންދު އަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ އަތޮޅު ރަތަފަންދޫން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އެމީހުން ތިބި ހާލަތަށް ބެލުމަށް ފަހު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އަދި އުމުރުން 25 އަހަރުގެ މީހާގެ ފުރަގަސް ފަރާތަށްލައި ފޮރުވާފައި ހުރި މަސްތުވާތަކެތި އޭނާ އަމިއްލައަށް ނަގައި އެއްލާލާފައި ވަނީ، ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ތިނަދޫ ޕޮލިސް ސްޓޭޝަނުގައި ބައިންދާފައި އިންދައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭނާ އެއްލާލި ދެ ރަބަރު ޕެކެޓްގެ ތެރޭގައި މަސްތުވާތަކެތި އަޅާފައި ހުރި ބުލެޓް ސައިޒްގެ 10 އެތިކޮޅު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު، އިތުރަށް މަސްތުވާތަކެތި ހަށިގަނޑުގެ ތެރެއިން ފެނިފައިނުވާ ކަމަށެވެ.