ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ލިޔުންތަކަށް ދިޔާ އެއްޗެއް އެޅިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި އަލީ ހަމީދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވި ލިޔުންތަކުގެ މައްޗަށް" ދިޔާ އެއްޗެއް" އެޅުނުކަމުގެ އިޝާރާތެއް ކްރިމިނަލް ކޯޓުންދީފައިވާ ކަމަށެވެ. ނަމަވެސް އެޅުނީ ކޮފީ ތައްޓެއް ކަމެއް ނުވަތަ ސައި ތައްޓެއް ކަމެއް ސާފުކޮށް ނޭނގޭ ކަމަށް އޭނާ ވިދާޅިވި އެވެ.

ޝަމީމް ވިދާޅުވީ އެއްޗެއް އެޅުނުކަން ޕީޖީ އޮފީހަށް އެންގި ނަމަވެސް އޭގެ ބަދަލުގައި ލިޔުންތައް ފޮނުވުމަށް ކުރިމިނަލް ކޯޓުން އަންގާފައިނުވާ ކަމަށެވެ.

"ދައުވާކުރުމަށް ފޮނުވި މައްސަލައިގެ ލިޔެކިއުންތަކުގެ މައްޗަށް ދިޔާ ކޮންމެވެސް އެއްޗެއް އެޅުނު ކަމުގެ އިޝާރާތެއް ކްރިމިނަލް ކޯޓުން ވަނީ ދީފައި. އަޅުގަނޑަކާއި ނޫން ވާހަކަ ދެއްކީ. އެހެން ނަމަވެސް ގުޅާފައި މިތަނުގެ މީހުން ކައިރި ބުނި. އެއްފަހަރު ބުނާނެ ކޮފީއޭ، އަނެއްބައި ފަހަރު ބުނާނެ، ސައި އޭ، ސާފެއްނުވޭ ކޮންއެއްޗެއް ކަމެއް އެޅުނީކީ. ކޮންމެވެސް އެއްޗެއް އެޅުނުކަމަށް ވިދާޅުވި،" ޝަމީމް ވިދާޅުވި އެވެ.

އެފަދަ އިޝާރާތެއް ކްރިމިނަލް ކޯޓުން ދީފައި ވަނީ މީގެ ތިން މަސް ހަފްތާ ކުރިން ކަމަށާއި އެއީ މައްސަލަ ހުށަހެޅިތާ ތިން ހަފްތާ ފަހުން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިޔުންތަކުގެ މައްޗަށް އެއްޗެއް އެޅުނުކަމުގެ އިޝާރާތެއް ދިނުމުން އެ ލިޔުންތައް ޕީޖީ އޮފީހަށް ފޮނުވަދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށާއި ނަމަވެސް އެ ކޯޓުން ލިޔުންތައް ފޮނުވާފައިނުވާ ކަމަށެވެ.