އިންޝުއަރެންސް ކުންފުނި، އަމާނާތަކާފުލް އަށް 2013 ވަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 7.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަމާނާ ތަކާފުލް އިން އެ ކުންފުނީގެ 10 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ނިންމާލުމަށް ފަހު މިއަދު ނަސަންދުރާ ޕެލަސް ހޮޓަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ 2013 ވަނަ އަހަރު ނެޓް ޕްރޮފިޓްގެ ގޮތުގައި އެ ކުންފުންޏަށް 7.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ 2013 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 60.38 މިލިއަން ރުފިޔާ ލިބިފައިވާ އިރު، 7.3 މިލިއަން ރުފިޔާ ލިބިފައި ވަނީ ޓެކްސް އަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ކަމަށާއި އިންޝުއަރެންސް ވިޔަފާރީގެ ވާދަވެރިކަމާ އެކު 2013 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ވެފައިވާ ދުވަސްވަރެއްގައި 12 ޕަސެންޓްގެ ކުރިއެރުމެއްގައި ހިފަހައްޓާލެވުނު ކަމަކީ ފާހަގަ ކުރުން ހައްގު ކުރިއެރުމެއް ކަމަށެވެ.

"ސާޕްލަސް ބެހުމާއި އަދި އިންޝުއަރަންސް ކްލެއިމްސްގެ ހަރަދު ކެނޑުމަށް ފަހު ވެސް ޖެނެރަލް ތަކަފުލް ފަންޑުގެ ފައިދާ 69 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައި. މިއީ ފާހަގަކުރުން ހައްގު ކާމިޔާބީއެއް." ހަރީޒް ސުލައިމާން ވިދާޅުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު އަމާނާ ތަކާފުލްގެ އާމްދަނީ ދަށަށް ދިޔަ ނަމަވެސް، އިންޝުއަރަންސް ކުރުމުގެ ފައިދާގެ ގޮތުގައި 19.3 މިލިއަން ރުފިޔާ ލިބި އެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.