04 May 2014, 14:49
މިދިޔަ ސީޒަނުގެ ސްޕެއިން ޗެމްޕިއަން ބާސެލޯނާ މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބި ހުސްއަތާ ސީޒަން ނިންމާލަން ޖެހުމުން އެކަމުގެ ފުރިހަމަ ޒިންމާ ނަގާނެ ކަމުގައި އެ ކްލަބުގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނެފި އެވެ.
ސްޕެއިން ލީލުގައި ރޭ ގެޓާފޭ އަތުން 2-2 ލަނޑުން ބާސާ އެއްވަރުވި މެޗަށް ފަހު ކޯޗު މާޓިނޯ ބުނީ މި ސީޒަނުގައި އެއްޗެއް ނުލިބި ނިންމާލަން ޖެހުމުގެ ފުރިހަމަ ޒިންމާ ނަގާނަން ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ގެޓާފޭ އަތުން ބަލިވީކީ ޓީމުގެ ކުޅުންތެރިންގެ ފެންވަރު ދައްވެގެން ނޫން ކަމަށް ވެސް ކޯޗް މާޓިނޯ ބުންޏެވެ.
ރެލިގޭޝަންގެ ބިރު ބޮޑުވެފައިވާ ގެޓާފޭ އަތުން އަމިއްލަ ދަނޑުގައި ރޭ ބާސާ އެއްވަރުވުމުން، މާޓިނޯ ބާސާގެ ކޯޗް ކަމުގައި އިތުރަށް ދެމިހުންނާނެ ކަމާމެދު ދުނިޔޭގެ ބައެއް މީޑިއާ ރިޕޯޓްތަކުގައި ވަނީ ސުވާލް އުފައްދާފަ އެވެ.
ރޭ ގެޓާފޭ އަތުން ބާސާއަށް ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި އެޓީމް އޮތީ 85 ޕޮއިންޓާއެކު ދެ ވަނަ މަގާމް ގައެވެ. ބާސާ އަށް ވުރެ އެއް މެޗު މަދުން ކުޅެ ލީގުގެ އެއްވަނައިގައި 88 ޕޮއިންޓާއެކީ އޮތީ އެތްލެޓިކޯ މެޑްރިޑް އެވެ. އަދި ލީގުގެ ތިންވަނައިގައި 82 ޕޮއިންޓާއެކީ އޮތީ ރެއާލް މެޑްރިޑް އެވެ.
ބާސާ އަށް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. ލީގުގައި މިރޭ ރާއްޖެ ގަޑިން 8:00 ޖަހާއިރު ލެވަންޓޭއާ ދެކޮޅަށް އެތުލެޓިކޯ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ، އެތުލެޓިކޯގެ ލީޑު ފުޅާވާނެ އެވެ.
ގެޓާފޭ އާއި ބާސާ ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ބާސާ އިންނެވެ. އެލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ މެސީ އެވެ. ބާސާގެ ދެ ވަނަ ލަނޑު އެޓީމަށް ޖަހައި ދިނީ ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ. އަދި ބާސާ ކޮޅަށް ގެޓާފޭ އިން ޖެހި ދެ ލަނަޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ މޮޅުކުޅުމެއް މެޗުގައި ދެއްކި ލަފީޓާ އެވެ.