ޓަގެއްގައި ކަފުޖަހައިގެން ގެންދިޔަ ބަނޑެއް ކަނޑައިގެން ގޮސް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، ސ. ގަމުން ފުރައިގެން ކ. ގުރައިދު އަށް ދަތުރުކުރަމުން ދިޔަ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގެއްގައި ކަފުޖަހައިގެން ގެންދިޔަ ދެ ބަނޑުގެ ތެރެއިން އެއް ބަނޑު ކަނޑައިގެން ގޮސް ގެއްލިފައިވާ ކަމުގެ މައުލޫމާތެއް މިއަދު ހެނދުނު 8:15 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ޓަގުގެ ކެޕްޓަން އާ ހަވާލާދީ އެމްއެންޑީއެފް އިން ބުނީ، ކަޅުކުލައިގެ "ގޮލްފް ކޮބްލާ 425" ނަމަކަށް ކިޔާ 60 ފޫޓުގެ އެ ބަނޑު ގެއްލިފައި ވަނީ ގދ. ގައްދޫގެ އިރުދެކުނުން 17 ނޯޓިކަލް މޭލުު ބޭރުގައި ވަނިކޮށް ކަމަށެވެ. އަދި އެ ބަނޑުގައި 20 ފޫޓުގެ ދެ ކޮންޓެއިނަރު ބަރު ކޮށްފައި ހުންނާނެ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ނަމަވެސް އެެ ދެ ކޮންޓޭނާގައި ހުރީ ކޯއްޗެއް ކަމެއް ނޭނގެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބާޖު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރުން ފަށާފައިވާ ކަމަށާއި އެ ހަރަކާތުގައި އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރު ވެސް ބޭނުންކުރަމުންދާ ކަމަށެވެ.

އެ ބަނޑު އޮޔާދަނީ އައްޑޫ ކަނޑުން ކަމަށްވާތީ އެ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން، ވަކިން ހާއްސަކޮށް ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެ އެވެ.

އެ ބަނޑާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިދިނުމަށް ވެސް އެމްއެންޑީއެފުން އެދެ އެވެ.