04 May 2014, 14:36
ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އާއިމިނަތު ރުކްޝާނާ އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ފުލުހުންގެ ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތީން، މާފަންނު ލިޔާގޭ އާމިނަތު ރުކްޝާނާ އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ޕީއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެ ނަންފުޅު މަޖިލީހުން ފާސްކޮށްފައިވަނީ އެނަންފުޅު އަނބުރާ ގެންދެވުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހަޅުއްވާފައިވަނިކޮށެވެ. އަދި އޭނާ އެމަގާމަށް އައްޔަން ކުރައްވާނީ ބަންޑާރަ ނައިބުގެ ލަފާފުޅަށް ފަހު ކަމަށް ރައީސް އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.
ޕީއައިސީގެ މެމްބަރު ކަމަށް ރުކްޝާނާ އައްޔަން ކުރަން ފާސްވީ މަޖިލީހުގެ 29 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.