28 Dec 2010, 11:53
އައްޑު އަތޮޅު މުހީބުއްދީނުން އަލަށް އުފެއްދި ހައި ސްކޫލަށް ބަދަލުވާ، އޭލެވެލް ކިޔަވާ ކުދިންގެ ޔުނީފޯމު ފަހަން ދިންފަހުން ޔުނީފޯމު ބަދަލުނުވާނެ ކަމަށް އެ ސްކޫލުން ބެލެނިވެރިންނަށް އެންގުމުން ގިނަ އަދަދެއްގެ ބެލެނިވެރިން ހިތްހަމަނުޖެހި، ނުރުހުންފާޅުކުރަން ފަށައިފި އެވެ.
އަންނަ އަހަރު އަލަށް އައްޑޫގައި ހުޅުވާ އައްޑޫ ހައި ސްކޫކުލަށް އަންނަ އަހަރު ބަދަލުވާ ކުއްޖެއްގެ ބެލެނިވެރިޔަކު މިއަދު ބުނީ މުހީބުއްދީން ސްކޫލުން އައްޑޫ ހައި ސްކޫލަށް ބަދަލުވާ ކުދިންގެ ޔުނީފޯމް ފަހަން ނަމޫނާއެއްދީ އަދި ފަހާ މީހަކާ ފެހުމަށް ހަވާލުކުރީ އާ ސްކޫލުގައި ބޭނުން ކުރާނީ ވަކި ޔުނީފޯމެއް ކަމަށް ސްކޫލުން އެންގުމުން ކަމަށެވެ.
ނަމަވެސް އޭނާ ބުނީ ފަހުން ސްކޫލުން އެންގީ، އާ ސްކޫލުގައި ވެސް ބޭނުން ކުރާނީ މުހިއްބުއްދީންގެ ޔުނީފޯމް ކަމަށެވެ. އަދި އޭނާ ބުނީ މިއަދު ވެސް އައްޑޫ ހައިސްކޫލަށް ގިނަ އަދަދެއްގެ ބެލެނިވެރިން ގޮސް އެ މައްސަލައިގައި ވާހަކަ ދައްކާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ނަމޫނާއެއް ދީފައި އައްޑޫ ހައި ސްކޫލުގައި ހުންނާނީ މި ޔުނީފޯމޭ ބުނީމާ އަޅުގަނޑުމެން ޔުނީފޯމު ފަހަންދިނީ. ޔުނީފޯމު ފަހަން ހުރިހާ ލާރީއެއް ދައްކައި [ޔުނީފޯމު] ކަނޑައި ވެސް ނިމުނު ފަހުން ސްކޫލުން ބުނީ އެޑިއުކޭޝަނުން ބުންޏޭ ޔުނީފޯމު ބަދަލެއް ނުވާނެއޭ. ކިހާބޮޑު ގެއްލުމެއް މިއީ." އެ ބެލެނިވެރިއާ މިއަދު ބުންޏެވެ.
އައްޑޫ ހައި ސްކޫލުގެ ޑިޕިއުޓީ ޕްރިންސިޕަލް އިބްރާހިމް ނަދީމް މިއަދު ވިދާޅުވީ ޔުނީފޯމް ބަދަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން ދާކަމަށެވެ. ޔުނީފޯމު ބަދަލު ކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ އިތުރު މަޝްވަރާތަކަކަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސްކޫލަށް އައު ޔުނީފޯމެއްތޯ ނުވަތަ ނޫންތޯ ނިންމާނީ ބެލެނިވެރިންގެ ފޯރުންތެރިކަމާއި ކުދިން ބޭނުންވާ ގޮތަކާ ހުރިހާ ކަމަކަށް ބެލުމަށް ފަހު. އަދި މަޝްވަރާތައް ކުރިއަށް ދަނީ. ގޮތެއް ނިންމާނީ މަޝްރާތައް ނިމިމުން." ނަދީމް ވިދާޅުވި އެވެ.
އައްޑޫގައި ކުރިން ހުރި އިސްލާމިއްޔާ ކިޔާ ސްކޫލުގެ ނަން އައްޑޫ ހައި ސްކޫލަށް ބަދަލުކޮށް މުހީބުއްދީން ސްކޫލުގެ 11 އަދި 12ގައި ކިޔަވަމުންދާ 254 ކުދިން އައްޑޫ ހައިސްކޫލަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.