ސައިތައްޓެއްގައި ލާން ޖެހޭ ހުރިހާ ރަހައެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނެރެދޭ މެޝިނެއް އެމެރިކާގެ ބީކޮން ކުންފުނިން ތައާރަފް ކޮށްފި އެވެ.

ބީކޮން ޓީއެކްސް ގެ ނަން ދެވިފައިވާ، 13,000 ޑޮލަރަށް (200،460 ރުފިޔާ) ބާޒާރަށް ނެރޭ މި މެށިނު މިހާރު ދަނީ އެމެރިކާގެ ސްޓާބަކްސް ތަކައި އެހެނިހެން ކެފޭ ތަކުގައި ޓެސްޓް ކުރަމުން ނެވެ. މި އަހަރުގެ ފަހުކޮޅު ބީކޮން ޓީއެކްސް ބާޒާރަށް ނެރެވޭވަރު ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މި މެޝިނުން އާދަޔާ ހިލާފު ސައިތައްޓެއް ހަދައިދެނީ ‘ރިވަރސް އެޓްމޮސްފިއަރިކް އިންފިއުޝަން’ ކިއުނު ޓެކްނޮލޮކީއެއް ބޭނުންކޮށްގެން ކަމުގައި ބީކޮންގެ މައްސޫލުވެރިޔާ ޑީން ވާސްޓާޑިސް ބުންޏެވެ.

“އެހެން ސައި ހަދާ މެޝިނުތަކުން ސައި ފަތްތަކުގެ ތެރެއިން ފެން ދުއްވަނީ،” ބީކޮން ގެ ޓެކްނޮލޮޖީ މަސައްކަތް ކުރާ ގޮތް ކިޔާ ދެމުން ޑީން ވާސްޓާޑިސް ނުންޏެވެ. “ އެއާ ހިލާފަށް ރިވަރސް އެޓްމޮސްފިއަރިކް އިންފިއުޝަން ގެ ސަބަބުން މެޝިނުގެ ތެރޭގައިވާ ވައިގެ ޕްރެޝަރު ބަދަލުކޮށްލަނީ. މިހެން ހެދުމުން ގިރިގެން ދާ މާއްދާތަކައި ގުދުރަތީ ހަކުރުތައް މާ ރަނގަޅަށް ވަކިކޮށްދޭ.”

މެޝިނުގެ ތެރެއަށް ފެނައި ސައިފަތް އަޅާ ޖައްސާލުމުން ނުފުރި ހުންނަ ބައިގައިވާ ވައިތައް މެޝިނުން ދަމާލައެވެ. މީގެ ސަބަބުން ސައިފަތްތައް ފެންގަނޑުގެ މައްޗަށް އަރައެވެ. އަދި މެޝިނުގެ ތެރޭގައި އުފެދިފައިވާ ‘ނެގެޓިވް ވެކިއުމް ޕްރެޝާ’ ސައިފަތުގައި ލާ ރަހަތައް ފެންގަނޑުގެ ތެރެއަށް ނެރެދޭން ބޭނުންވާ މިންގަނވަރުގައި ހިފަހައްޓާލުމަށްފަހު، އަނެއްކާވެސް މެޝިނު އާދައިގެ ޕްރެޝަރަށްކަށް އާދެއެވެ. 60 ނުވަތަ 90 ސިކުންތު ވަންދެން މި ޕްރޮސެސް ތަކުރާރު ކުރެއެވެ. އަދި ސައިފަތުގައި ހުންނަ ރަހަތައް ފެންގަނޑުގެ ތެގައި ހިފާލައެވެ. މި މެޝިނުން ގަޑިއަކު 60 އަށް ވުރެ ގިނަ ސައިތަށި ހެދޭނެކަމަށް ބީކޮން އިން ބުންޏެވެ.

މި މެޝިނަކީ ސައި ހެދުމުގެ މުސްތަގުބަލު ކަމުގައި ބީކޮން ކުންފުނިން ދެކެއެވެ. ކޮފީ މެޝިނު ދުނިއަށް އާއްމުވުމާ އެކު ކޮފީ ހެދުމަށް އައި ބަދަލުތަކާ އެއް ގޮތަށް، ބީކޮން އަކީ އިންސާނުން ސައިހަދަމުން އަންނަ ގޮތައް އިންގިލާބެއް ގެންނާނެ މެޝިނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ބީކޮންގެ މި ސައި ހަދާ މެޝިނު އަގު ބޮޑުވުމުގެ ސަބަބުން މީހުން ގަންނާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. ނަމަވެސް ބީކޮން އިން ބުނިގޮތުގައި މޮޅު ކޮފީ ހަދާ މެޝިނުތައްވެސް 13،000 ޑޮލަރަށް ބާޒާރުގައި އެބަ ހުއްޓެވެ. އަދި މި މެޝިނުގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ އާއި އޭގެން ނެރެވޭ ނަތީޖާގެ ސަބަބުން މި މެޝިނަކީ އޭގެ އަގާ އެކަށިގެންވާ މެޝިނެއް ކަމުގައި އެ ކުންފުނިން ބުންޏެވެ.

“އަގު ފެނިފައި އަހަރެން ދިޔައީ ސިއްސައިގެން. އެކަމަކު މިހާ އަގުބޮޑު ވާން ޖެހެނީ ކީއްވެގެން ކަން ވެސް އަހަންނަށް ވިސްނޭ،” ބީކޮންގެ މެޝިނާ ބެހޭގޮތުން ސައިފަތާ ގުޅެ ތަކެތި އުފައްދާ ކެމްބްރިޖް ކޮންސަލްޓްންޓްސްގެ ކޮންޒިއުމާ ޕްރޮޑަކްޓް ޑިވަލޮޕްމަންޓްގެ ވެރިޔާ ރޫތު ތޮމްސަން ބުންޏެވެ.