04 May 2014, 14:00
މިހާރު ކުރިއަށްދާ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަންގެ ސެމީ ފައިނަލުން މާލެ ސިޓީ ޕީސް މޭކާސް އޭ އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް (އެސްއޯޑީ) އާއި ޑިވިޒަނަލް އޮޕަރޭޝަން ކޮމާންޑް (ޓީމް ޑީއޯސީ) ޖާގަ ހޯދައިފި އެވެ.
މާލެސިޓީ ޕީސް މޭކާސް އޭ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ގްރޫޕް އޭ ގައި ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓާ އެކު ގްރޫޕް އޭގެ އެއް ވަނަ ޓީމް ގޮތުގަ އެވެ. ގްރޫޕް ބީގެ އެއް ވަނަ ޓީމްގެ ގޮތުގައި އެސްއޯޑީ ނުވަ ޕޮއިންޓާ އެކު ސެމީ ފައިނަލުން ޖާގަ ހޯދިއިރު ގްރޫޕް ސީގެ އެއް ވަނަ ޓީމްގެ ގޮތުގައި ޓީމް ޑީއޯސީ ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއެކުގަ އެވެ.
މުބާރާތުގެ ސެމީފައިނަލަށް ތިން ޓީމު ގޮސްފައިވާއިރު ސެމީފައިނަލުގެ ފަހު ޖާގަ ކަނޑައަޅާނީ ކޮންމެ ގްރޫޕެއްގެ ވެސް ދެވަަނަ އަށް ދިޔަ ޓީމްތަކުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު އެވެ. ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ސެމީގެ ފަހު ޖާގަ ލިބިގެންދާނެ އެވެ.
ސެމީ ފަހު ޖާގަ ކަނޑައެޅުމަށް ކުޅޭ ލީގު ބުރުގެ މެޗުތަކުގެ ކުޅުން މިހާރު ކުރިއަށްދާއިރު މިރޭ 20:00 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ގްރޫޕް ބީ ދެވަނަ ޓީމް މެރިން ޕޮލިސް އާއި ގްރޫޕް ސީގެ ދެވަނަ ޓީމް އެސްއޯ ރިވޮލިއުޝަން އެވެ. މި ބުރުގައި ކުޅޭ ފަހު މެޗުގައި ގްރޫޕް އޭގެ ދެވަނަ ޓީމް އައިޑީ ކުލަބާއި ގްރޫޕް ސީގެ ދެވަނަ ޓީމް އެސްއޯ ރިވޮލިއުޝަން ވާދަކުރާއިރު މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:00 ގަ އެވެ. ލީގު ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި މެރިން ޕޮލިސް އާއި އައިޑީ ކުލަބު ވާދަކުރި މެޗު ކާމިޔާބުކޮށްފައިވަނީ އައިޑީ ކުލަބެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އަންނަ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމީފައިނަލް މެޗުގައި ވާދަކުރާނީ މާލެ ސިޓީ ޕީސް މޭކާސް އޭ އާއި އެސްއޯޑީ އެވެ. ފުރަތަމަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު ފައިނަލުގެ ފަހު ޖާގަ ލިބިގެންދާނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ދެވަނަ ސެމީން މޮޅުވާ ޓީމު ވާދަކުރާ މެޗު ކާމިޔާބުކުރާ ޓީމަށެވެ.
ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޒަނަށް ބަލާލާއިރު އަންހެން ޑިވިޒަންގެ ފައިނަލުން ފޮރެންސިކް އެންޑް ފްރެންޑްސް ޖާގަ ހޯދާފައިވާއިރު އެޓީމު ފައިނަލުން ޖާގަ ހޯދާފައިވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު އެވެ. ފައިނަލުގައި ފަހު ޖާގަ ލިބިގެންދާނީ އަންހެން ޑިވިޒަންގެ ދެވަނަ ޓީމު ކަމަށްވާ މާލެ ސިޓީ ޕީސް މޭކާސް ވުމަންސް އާއި ތިން ވަނަ ޓީމް ކަމަށްވާ 119 ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.
ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޒަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އަދި ފިރިހެން ޑިވިޒަންގެ ފައިނަލް ފަށާނީ އެރޭ 20:00 ގަ އެވެ.