ސްރީލަންކާގެ ކެންޑީގައި ދިރިއުޅެމުން އަންނަ އާއިލާއަކުން އަންހެނަކާ އޭނާގެ ދަރިފުޅު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ކެންޑީގައި ދިރިއުޅެމުން އަންނަ ދިވެހި އާއިލާއަކަށް ނިސްބަތްވާ އަންހެނަކާއި ކުޑަ ކުއްޖަކު ގެއްލިގެން، އާއިލާގެ ފަރާތުން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް އިއްޔެ އިރުއޮއްސޭކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާއަކީ މީހަކާ އިނދެގެން އުޅޭ މީހެއް ކަމަށާއި އޭނާއާ އެކު ގެއްލިފައި ވަނީ އެ ދެމީހުންގެ ހަ އަހަރަށްދާ އަންހެން ދަރިފުޅު ކަމަށެވެ. ނަމަވެސް އެމީހުންނާ ބެހޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"އަންހެން މީހާ ގޭން ނުކުމެގެން ދިޔަ ފަހުން ހަބަރެއް ނުވެގެން ގޭން ރިޕޯޓް ކުރީ. އެ މައްސަލަ ލަންކާގެ އެމްބަސީ އަށް އާއިލާއިން ރިޕޯޓްކުުރުމާ އެކު ކެންޑީގެ ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައި،" އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާއަކީ މީހާ މީގެކުރިން ވެސް އާއިލާގައި ޖެހުނު މައްސަލައަކާ ގުޅިގެން ގެއިން ނުކުމެގެން ގޮސްފައިވާ މީހެކެވެ. އެނގިފައިވާ ގޮތުގައި މިފަހަރު ވެސް އޭނާ ގެއިން ނުކުމެގެން ގޮސްފައިވަނީ އާއިލާގެ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.